ދަރިވަރެއްގެ ވަރުގަދަ ބަސްތަކުން ލީޑަރުން ލަދުގަންނަވާލައިފި

އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ފެށި އދ. ގެ "ގްލޯބަލް ކްލައިމެޓް ސަމިޓް" ގައި ދުނިޔޭގެ ލީޑަރުންނަށް އަމާޒުކޮށް ދަރިވަރަކު ދެއްކި ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.


އުމުރުން 16 އަހަރުގެ ގްރެޓާ ތަންބާގު ބުނީ މޫސުމީ ކާރިސާ އަކީ ސަރުކާރުތަކުގެ އިހުމާލެއް ކަމަށެވެ. އަދި މި ކާރިސާ ހުއްޓުވަން ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅައި ތިބެ މި ޖީލަށް އުންމީދުގެ ނަޒަރުން ބަލަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ގްލޯބަލް ކްލައިމެޓް އެކްޝަން ސަމިޓް ފެށުމުގެ ތިން ދުވަސް ކުރިން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަޅުތާލެއް ވެސް ކުރި އެވެ. ކުޑަކުދިންނާއި ދަރިވަރުން އިސްނަގައިގެން ހިންގި މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހުރީ ވެސް ގްރެޓާ އެވެ. ކްލައިމެޓް އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވި މި ކުއްޖާ، އޭނާގެ އެކްޓިވިސްޓް މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމެއްގައި ކުރިއަށްގެންދިޔަ މި ހަޅުތާލުގައި ރާއްޖޭން ވެސް ބައިވެރިވި އެވެ.

އދ. އިން ކުރި ޓްވީޓެއް

މޫސުމާ ބެހޭ ކަންކަމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ގްރެޓާ ކުރާ މަސައްކަތް ބަލައިގަނެ، އދ. ގެ ކްލައިމެޓް ސަމިޓުގައި ވާހަކަދެއްކުމުގެ ފުރުސަތު އޭނާ އަށް މިފަހަރު ދިނީ އެވެ. އެ ސަމިޓުގައި ބައިވެރިވާން އެމެރިކާ އަށް އޭނާ ދަތުރުކުރީ ރިޔާ ނެގި ބޯޓެއްގަ އެވެ. މަތިންދާބޯޓުން ޖައްވަށް ދޫކުރާ ކާބަން ގިނަ ކަމުން، އޭނާ ވަނީ އޭގައި ދަތުރުކުރުން ހުއްޓާލާފަ އެވެ.

ސަމިޓުގައި ވާހަކަ ދައްކަމުން ގްރެޓާ ބުނީ، އޭނާ އެތަނުގައި ހުންނަން ޖެހިގެން ނުވާނެ ކަމަށެވެ. އަދި އޭނާ އެ ވަގުތު ހުންނަން ޖެހޭނީ ސްކޫލުގައި ކަމަށް ބުންޏެވެ.

"ތިޔަ ބޭފުޅުން [ދައުލަތްތަކުގެ އިސްވެރިން] ތިޔަ ވަޑައިގަންނަވަނީ އަޅުގަނޑުމެން ކުޑަކުދިން ކައިރިއަށް، އުންމީދު ހޯދަން. ލަދުގަންނަން ޖެހޭނެ!" ގްރެޓާ ބުންޏެވެ.

އޭނާ އިނގިރޭސިން ބޭނުންކުރި އިބާރާތް "ހައު ޑެއާ ޔޫ" މިހާރު ވަނީ މަޝްހޫރުވެފަ އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ ހަޅުތާލުގައި ބައިވެރިވި އެމެރިކާގެ ބައެއް ދަރިވަރުން -- ފޮޓޯ: ދަ ވާޖް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދައުލަތްތަކުގެ ވެރިން ވީ ހުސް ވައުދުތަކެއް ކަމަށް ގްރެޓާ ބުންޏެވެ. އަދި އެކަށީގެންވާ ފިޔަވަޅު ނޭޅުމުން، މީހުން މަރުވާކަމަށް އޭނާ ބުންޏެވެ. މިފަދަ މައްސަލަތައް ދުނިޔެއަށް ދިމާވެފައި ވާ އިރު، އޭނާ އަކީ އެކަންތައް ތަހައްމަލުކުރަން ނުޖެހޭ ގައުމަކަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވުމުން، އޭނާ އަކީ ނަސީބުވެރިއެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

"ބޮޑެތި އީކޯސިސްޓަމްސް އަންނަނީ މަރުވަމުން. އަހަރުމެން މިހާރު މި ތިބީ މާސް އެކްސްޓިންކްޝަނެއްގެ ކުރިމަތީގައި. އެކަމަކު ތިޔަ ބޭފުޅުން ތިޔަ ދައްކަވަނީ ފައިސާގެ ވާހަކަ. ގައުމުތަކުގެ އިގްތިސާދު އަބަދުވެސް ކުރިއަރުވާނެ ގޮތްތަކުގެ ހުވަފެންތައް. މިކަމާ މެދު ލަދުގަންނަން ޖެހޭނެ،" ދައުލަތްތަކުގެ އިސްވެރިންނަށް އަމާޒުކޮށް އޭނާ ބުންޏެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ވާނެ ގެއްލުންތައް މިދިޔަ 30 އަހަރު ތެރޭގައި ސައިންވެރިން ކުރި ދިރާސާތަކުން ކަށަވަރުވާ ކަމަށް ގްރެޓާ މި ސަމިޓުގައި ބުންޏެވެ. އޭނާ ބުނީ މި ކަންތައްތަކަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނެތް ކަމަށެވެ. އޭނާ ތަކުރާރުކޮށް ބުނީ އެކަށީގެންވާ ހައްލު ހޯދިއްޖެ ކަމަށް ބުނަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ ހަޅުތާލުގައި ލަންޑަން އިން ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ޕީއޭ ވަޔާ

ކުޑަކުދިންނާއި ދަރިވަރުންގެ ކަންބޮޑުވުންތައް ދައުލަތްތަކުގެ ވެރިން އަހާކަމަށް ބުނާ ވާހަކަ ގްރެޓާ ގަބޫލެއް ނުކުރެއެވެ. އޭނާ ބުނީ އެކަންތައް ގަބޫލުކުރާ ނަމަ ތިމާވެށި ސަލާމަތްކުރަން ދައުލަތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދައުލަތްތަކުން ކުރަން ކަނޑައަޅާ މަސައްކަތްތައް އެކަށީގެންނުވާ ކަމަށާއި، އެ އަށް ވުރެ ހަރުކަށި ސިޔާސަތުތައް ކަނޑައަޅަން ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މޫސުމާ ބެހޭ ހަޅުތާލުގައި ދުނިޔޭގެ 1.5 މިލިއަން މީހުން ބައިވެރިވި އެވެ. ނިއު ޔޯކުގައި އެކަނި ވެސް 1.1 މިލިއަން ދަރިވަރުން ބައިވެރިވި އެވެ. އެ ހަޅުތާލުގައި ބައިވެރިވާން، އެ ކުދިންނަށް ހުއްދަ ވެސް ލިބުނެވެ. އެހެންވެ އެ ދުވަހު އެ ކުދިން ސްކޫލަށް ދާކަށް ނުޖެހުނެވެ. އެ ހަޅުތާލަކީ މޫސުމާ އަންނަ ބަދަލުތަކާ ގުޅޭ އެންމެ ބޮޑު ހަޅުތާލުކަމަށް ބެލެވެ އެވެ.

ކްލައިމެޓް ސަމިޓުގެ ކުރިން ބޭއްވި މި ހަޅުތާލުތަކުގެ މަގްސަދަކީ މޫސުމާ ބެހޭ ކަންކަމުގައި މި ޖީލުގެ ދަރިވަރުން މަޑުން ނުތިބޭނެ ކަން ސިޔާސީ ލީޑަރުންނާއި ވެރިންނަށް އެންގުމެވެ. މި ޖީލުގެ ދަރިވަރުން ގަބޫލުކުރާ ގޮތުގައި، މޫސުމަށް މިހާ ބޮޑެތި ބަދަލު މި އަންނަނީ މިކަމާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުންނެވެ. ބޮޑެތި ވިޔަފާރިވެރިންގެ ދަހިވެތިކަމާއި ސިޔާސީ ލީޑަރުންގެ ޒިންމާތައް ރަނގަޅަށް އަދާ ނުކޮށް، އެކަމުގައި އެ މީހުން ފެއިލް ވުމުންނެވެ.

މޫސުމާ ގުޅޭ ދެވަނަ ހަޅުތާޅެއް އަންނަ ހުކުރު ދުވަހު ވެސް ކުރިއަށް ދާނެ އެވެ.

ހުކުރު ދުވަހުގެ ހަޅުތާލުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: އޭއެފްޕީ

ކޮންމެ ހުކުރު ދުވަހެއްގައި، ސްވިޑެންގެ ގާނޫނު ހަދާ މަޖިލިސް ކުރިމަތީގައި ހަޅުތާލުކުރަން ފެށި ގްރެޓާ ވަނީ ނޯބެލްގެ ސުލްހައިގެ އިނާމަށް ވެސް ނޮމިނޭޓް ވެފަ އެވެ. ގްރެޓާއަށް މި އިނާމް ލިބިއްޖެ ނަމަ އޭނާ ވާނީ މި އިނާމް ލިބޭނެ އެންމެ ހަގު ކުއްޖާއަށެވެ. މިހާރު މި މަގާމު އޮތީ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ އަށެވެ. މި އިނާމް ލިބުނު އިރު އޭނާގެ އުމުރުން 17 އަހަރެވެ. އޭނާއަށް މި އިނާމް ލިބުނީ މީގެ ފަސް އަހަރު ކުރިންނެވެ.

މިހާރު ކުރިއަށްދާ ހަޅުތާލުގައި ދަރިވަރުން އިސްނެގި ނަމަވެސް، އެކި އުމުރުގެ މީހުން ވެސް ބައިވެރިވެ އެވެ.

މި ހަޅުތާލުތަކުގައި ބައިވެރިވާ ކުޑަކުދިންނަކީ މިހާރު ހުރި މައްސަލަތަކާ ދެން ކުރިމަތިލާންޖެހޭނެ ޖީލެވެ. ނަމަވެސް ބޮޑު ނުރައްކަލެއްގައި އޮވެ ދުނިޔެ މި ޖީލަށް ވާރަތުވެގެން ނުވާނެ ކަމަށް ހަޅުތާލުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.