17 އޮކްޓޯބަރ 2020 - 11:06
ކޮވިޑް-19އާ ހެދި ކުރިމަތިވި ލޮކްޑައުން އަށް ފަހު، އަލުން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބެން ފެށުމާ އެކު ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ބޮލީވުޑްގެ ތަރިންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ވަރުން ދަވަން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ލޯބިވެރިޔާ ނަތާޝާ ދަލާލާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޒުވާން އެކްޓަރު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ސޮނެވާ ފުށީގަ އެވެ. އެތަނުގެ ޕޫލެއްގެ ތެރޭގައި އޮރެންޖް ކުލައިގެ ސޯޓެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ވަރުން އިންސްޓަގްރާމަށް ލާފައިވެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައި ވަނީ އަންނަ މަހުގެ ތެރޭގައި އާ ފިލްމެއްގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނިކޮށެވެ. އެއީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. ނަން އަދި އިއުލާންނުކުރާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ޗަންދީގަޅުގައި އަންނަ މަހު ފަށާ އިރު، ކާސްޓްގައި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގް ވެސް ހިމެނޭނެ އެވެ.
ޖެނުއަރީގައި ގެނެސްދިން "ސްޓްރީޓް ޑާންސާ" ގެ ބަތަލު ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޑިސެމްބަރު 25 ގައި ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އިންނެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.
ވަރުން، 33، ތިން ވަނަ ފަހަރަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު، އޭނާގެ އެންމެ ފަވަރިޓް ޗުއްޓީ އެއް މަންޒިލަކީ ވެސް ރާއްޖެ ކަމަށް ބުނެފައިވެ އެވެ. ވަރުން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ގަ އެވެ. އޭގެ ފަހުން 2018 ގަ އެވެ.
ރާއްޖޭގައި އެންމެ ފަހުން ޗުއްޓީ ހޭދަކޮށްފައި ދިޔަ ބަތަލާ އަކީ ވަރުންއާ އެކު 2018 ގައި "ޖުޅުވާ 2" ކުޅުނު ތާޕްސީ ޕައްނޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
17 October 2020
ފިލްމީ ތަރިން އައުމަކީ ރާއްޖެ ބޮޑަށް އިސްތިހާރު ވާނެކަމެއް. އެމީހުން ނޫސްތަކުގައި ރާއްޖޭގެ ރީތިކަމުގެ ވާހަކަ ހިއްސާކުރުމުން ވަރަށް ގިނަބަޔަކަށް ރާއްޖޭގެ ރީތިކަން ޖަމާވާނެ.