މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

23 އޮކްޓޯބަރ 2020 - 10:29

އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރް ކުޅޭ ފިލްމުގެ ނަމަކީ "ޗަންދީގަޅް ކަރޭ އާޝިގީ" ކަން ކަށަވަރުވެއްޖެ އެވެ.

އެ ފިލްމުގެ މަންޒަރުތައް މިހާރު ޗަންދީގަޅްގައި ނަގަމުން އަންނަ އިރު، ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އާންމުވެފައިވާ އިރު، ޝޫޓިންގައި ބޭނުންކުރާ ކްލެޕްބޯޑްގައި ފިލްމުގެ ނަން ލިޔެފައިވެ އެވެ. "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ 2018 ގައި "ކޭދަރުނާތު" ގެނެސްދިން އަބީޝެކް ކަޕޫރް ޑައިރެކްޓްކުރާ މި ފިލްމެކެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގައި އަޔޫޝްމަން ފެނިގެންދާނީ އެތުލީޓެއްގެ ރޯލުންނެވެ. އޭނާ އާއި ވާނީ ވެސް އަބީޝެކާ އެކު އަލަށް މަސައްކަތްކުރާ "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ޒުވާން ދެ ތަރިންގެ ޖޯޑު ވެސް އެކީގައި ބެލުންތެރިންނަށް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ބުޝަން ކުމާތުގެ ޓީ ސީރީޒާއި އަބީޝެކްގެ އަމިއްލަ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

"ހާތީ މޭރާ ސާތީ" އަންނަ އަހަރަށް

ކުރިން މިދިޔަ އެޕްރީލްގައި ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ހެދި ފަސްކުރި "ހާތީ މޭރާ ސާތީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މި ފިލްމަކީ "ބާހްބަލީ" ފަދަ ފިލްމުތައް ކުޅުނު މަޝްހޫރު ތެލެގޫ އެކްޓަރު ރާނާ ދަގޫބަތީ އާއި ބޮލީވުޑްގެ އެކްޓަރު ޕުލްކިތު ސަމްރާޓް ފެނިގެންދާނެ އެޑްވެންޗަ ފިލްމެކެވެ. "ހާތީ މޭރާ ސާތީ" ގެ ކާސްޓުންގެ ތެރޭގައި ޒޯޔާ ހުސައިނާއި ޝްރިޔާ ޕިލްގާއޯންކަރް ވެސް ހިމެނެ އެވެ.

ޕްރަބޫ ސޮލޮމަން ޑައިރެޓްކޮށްފައިވާ ފިލްމު ހިންދީ، ތެލެގޫ އަދި ތަމަޅަ ބަހުން ގެނެސްދޭނެ އެވެ. މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ނަމަ "ހާތީ މޭރާ ސާތީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ގެ ސެޓުން ފޮޓޯތަކެއް

އަންގާރަ ދުވަހު ލަކްނޫގައި ޝޫޓިން ފެށި ޖޯން އަބްހަރަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ދައްކާލައިފި އެވެ.

އެ ފޮޓޯތަކުން ޖޯން އާއި ފިލްމުގެ ބަތަލާ ދިވްޔާ ކޯސްލާ ކުމާރާއި ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ނިކިލް އަދުވާނީ ވެސް ފެނިގެންދެ އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" އަކީ ދިވްޔާގެ ފިރިމީހާ އަދި ޓީ ސީރީޒްގެ ބުޝަން ކުމާރު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. މިއީ އޭނާ އާއި ނިކިލް، ޖޯންއާ އެކު 2018 ގައި ގެނެސްދިން "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.

އެކަމަކު އެ ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ އަލަށް ތައާރަފުކުރި އައިޝާ ޝަރުމާ އެވެ. އައިޝާ އަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ރޯލެއް ކުޅުނު ނޭހާ ޝަރުމާގެ ކޮއްކޮ އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި 12 ގަ އެވެ.

"ވެޑް ލޮކް" ނިންމާލައިފި

ނެށުންތެރިޔާ އަދި ކޮރިއޮގްރާފަރު ރާގަވް ޖުޔާލް އާއި އަންކިތާ ޝަރުމާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ވެޑް ލޮކް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މީގެ ޝޫޓިން ނިންމައިލީ މުމްބާއީގައި ފެށިތާ އެންމެ 25 ދުވަހުގެ ތެރޭގަ އެވެ. "ވެޑް ލޮކް" އަކީ 2018 ގެ "ޖެކް އެންޑް ދިލް" ގެނެސްދިން ސަޗިން ކަރަންޑޭ ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ. "ވެޑް ލޮކް" ގެ ޝޫޓިން ނިންމައިލި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވާ ރާގަވް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ވަރުން ދަވަނާއި ޝްރަދާ ކަޕޫރްގެ "ސްޓްރީޓް ޑާންސާ" އިންނެވެ.

ޓީވީ ހޯސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ފަންނާނު ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "އޭބީސީޑީ" އާއި "އޭބީސީޑީ 2" އަދި "ސޮނާލީ ކޭބަލް" ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454