27 އޮކްޓޯބަރ 2020 - 08:39
ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގައި ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަން ފެންނަ ގޮތް ދައްކާލައިފި އެވެ.
ސަންޖޭ ދަތު ވެސް މުހިއްމު ރޯލަކުން ފެންނަ މި ފިލްމުގައި ރަވީނާ ފެންނާނީ ރާމިކާ ސެން ކިޔާ އިންޑިއާގެ ބޮޑުވަޒީރެއްގެ ރޯލުންނެވެ. ސަންޖޭ ފިލްމުގައި ފެނިގެން ދާނީ އަދީރާ ކިޔާ ވިލަންއެއްގެ ރޯލުންނެވެ.
ޕްރަޝާންތު ނީލް ގެނެސްދޭ މި ފިލްމަކީ އޭނާ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްއާ އެކު 2018 ގައި ގެނެސްދިން ޕީރިއަޑް އެކްޝަން ފިލްމު "ކޭޖީއެފް؛ ޗެޕްޓާ 1" ގެ ސީކްއެލް އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސްރިނިދީ ޝެޓީ، އާނަންތު ނާގް، ޕްރަކާޝް ރާޖް އަދި ރާއޯ ރަމޭޝް ހިމެނެ އެވެ.
"ކޭޖީއެފް: ޗެޕްޓާ 2" އަކީ ކަންނާޑާ، ހިންދީ އަދި ތަމަޅަ ބަހުން ގެނެސްދޭނެ ފިލްމެކެވެ.
ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ޓީމުން ހަދާ ފިލްމަކަށް އޭގެ ވިލަން ނަވާޒުއްދީން ސޮއިކޮށްފި އެވެ.
"ސަންގީން" ކިޔާ ފިލްމުގައި އޭނާއާ އެކު އެލްނާޒް ނޮރޯޒީ ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ޝޫޓިން ޖެނުއަރީ މަހު ފަށަން ތާވަލުކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ޖައިދީޕް ޗޯޕްޅާ އެވެ. މަންޒަރުތައް ނަގާނީ މުމްބާއީ އާއި ލަންޑަންގަ އެވެ.
"ސަންގީން" ސިނަމާތަކަށް ގެންނާނެ ވަކި ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ދާދި ފަހުން ޝޫޓިން ފެށި ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ އާ ފިލްމު "ދަ ލާސްޓް ޝޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.
ޝޫޓިން ފެށި އެއްގޮތަށް އެއް ވާނެއްގައި ކުރިއަށް ގެންގޮސް މަސައްކަތް ނިންމައިލީ ބޯޕާލްގަ އެވެ. "ދަ ލާސްޓް ޝޯ" ގެ ކާސްޓުންނަކީ އަނޫޕަމް ކޭރާއި ސަތިޝް ކޯޝިކާއި މިދިޔަ އަހަރު ރިލީޒްކުރި "ޔޭ ސާލީ އާޝީގީ" އިން ތައާރަވުވި ވަރްދާން ޕޫރީގެ އިތުރުން ވުރިންދާ ކޭރެވެ. ވަރުދާނަކީ ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިއެކެވެ.
"ދަ ލާސްޓް ޝޯ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން މުމްބާއީން އަގުބޮޑު ރީތި ގެއެއް ގަނެފި އެވެ.
މީޑިއާތަކުން ބުނީ މުމްބާއީގެ ޖުހީގެ ވަސޯވާ ލިންކް ރޯޑުން ރިތިކް ގަތް ގޭގެ އަގަކީ 97.50 ކްރޯޑް ރުޕީސް (13.2 މިލިއަން ޑޮލަރު) ކަމަށެވެ. ރިތިކް ގެއެއް ގަތްކަން އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ވެސް ޔަގީންކޮށް ދީފައިވާ އިރު އޭނާ ބުނީ ވަރަށް އަވަހަށް އާ ގެއަށް ރިތިކް ބަދަލުވާނެ ކަމަށެވެ.
ދެ ކުދިން ލިބިފައި ވަނިކޮށް ކައިވެނި ރޫޅިފައިވާ ރިތިކް މި ވަގުތު ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބަފައިންނާ އެކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy