މި ހަފުތާގައި ޝޯއިން ވަކިވާން ޖެހުނީ ނައިނާ އަށް
09 ނޮވެމްބަރ 2020 - 10:36
ކަލާޒް ޗެނެލުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުން މިދިޔަ ހަފުތާގައި ބޭރުކޮށްލި ކަވީތާ ކޯޝިކަށް އަލުން ފުރުސަތު ދީފި އެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޓީވީ ސިލްސިލާ "އެފްއައިއާރް" ގައި ފުލުހެއްގެ ރޯލް ކުޅުނު ބަތަލާ ގެއިން ބޭރުކޮށްލިތާ ހަފުތާއެއް ފަހުން އަލުން ފުރުސަތު ދިނީ ޝޯ ބަލާ މީހުންގެ އެދުމުގެ މަތިން ކަމަށް އާދީއްތަ ދުވަހުގެ ރޭ ދެއްކި "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްގައި ޝޯގެ ހޯސްޓް ސަލްމާން ޚާން ބުންޏެވެ.
ވައިލްޑް ކާޑްގެ ދަށުން "ބިގް ބޮސް" އިން ފުރުސަތު ލިބުނު ކަވީތާ އަށް ޝޯއިން ވަކިވާން ޖެހުނީ އޭނާއާ ގާތް ރައްޓެހި ކަމެއް އޮތް ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އިޖާޒް ޚާނާ ބެހޭ ގޮތުން ޓީވީ ޝޯއެއްގައި ދައްކަން ނުޖެހޭ ކަހަލަ ޒާތީ ވާހަކަތަކެއް ދައްކައި، ޝޯގެ ބައިވެރިންނާއި ޝޯ ބަލާ މީހުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. ވަރަށް ރުޅިގަދަ ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ކަވީތާ ވަނީ ލޮކްޑައުންގެ ތެރޭގައި އިޖާޒަށް އަޅާލާނެ މީހަކު ނެތިގެން އޭނާ އަށް ކައްކައިފައި ކާން ދިން ވާހަކަ އާއި އެއީ މިންވަރަށް ޝުކުރުނުކުރާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ބުނެފަ އެވެ. އަދި އިޖާޒަކީ ގާތް ރައްޓެއްސެއްގެ ގޮތުގައި ދެކެން ހެޔޮވާރުގެ މީހެއް ނޫން ކަމަށާއި އެއީ އަބަދު ވެސް މަ ވެގެން އުޅޭ މީހެއް ކަމަށް ކަވީތާ ބުނެފައިވެ އެވެ.
އޭނާ ވައިލްޑް ކާޑްގެ ދަށުން ގެއަށް ވަން ފަހުން ވެސް އިޖާޒާ ދެމެދު ކުރިތިމަތިލުންތައް ހިނަގައި، ގަޔަށް އަތްލާ ހިސާބަށް ވެސް ގޮސްފައިވެ އެވެ.
ސަލްމާން ބުނި ގޮތުގައި ކަވީތާ އަށް އަލުން "ބިގް ބޮސް" އިން ފުރުސަތު ލިބުނީ ޝޯ ބަލާ ވަރަށް ގިނަ ބައެއްގެ ޑިމާންޑާ އެކު ކަމަށްވާތީ، ކުރިން ހެދި ގޯސްތައް އަލުން ތަކުރާރު ނުކޮށް، ވަރުގަދަ ބައިވެރިއެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ އެވެ.
ކަވީތާ އަށް އަލުން ފުރުސަތު ދިން އިރު، އޭނާއާ އެކު ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު އަނެއް ދެ ބައިވެރިންގެ ތެރެއިން ނައިނާ ސިންގް ވަނީ ޝޯއިން އާދީއްތަ ދުވަހުގެ ރޭ ކަޓައިފަ އެވެ. ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު އަނެއް ފަންނާނަކީ އާރްޖޭ/ވީޖޭ ޝަރުދުލް ޕަންޑިތެވެ.
"ބިގް ބޮސް 14" ފެށުނީއްސުރެ ޝޯގައި ދެމިތިބި ބައިވެރިންނަކީ އަބިނާވް ޝުކްލާ އާއި އަންހެނުން ރުބީނާ ދިލަކާއި ރާހުލް ވައިދިއާ އާއި ނިކީ ތަމްބޯލީ އާއި ޖާން ކުމާރު ސާނޫ އާއި ޖޭސްމިން ބާސިންގެ އިތުރުން ޕަވިތުރާ ޕުނިއާ އެވެ.
ނައިނާ.
"ބިގް ބޮސް" ގެ ގޭގައި މިހާރު ތިބި ބައިވެރިންގެ ތެރޭގައި ޖޭސްމިންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޓީވީ އެކްޓަރު އަލީ ގޯނީ ހިމެނެ އެވެ. އޭނާ ގޭގެ މެހުމާނެއްގެ ގޮތުގައި މެހުމާނުންނަށް ހާއްސަ ބައިގައި ހުންނަތާ މިހާރު ހަފުތާއެއްހާ ދުވަސް ވެދާނެ އެވެ.
އާދިއްތަ ދުވަހުގެ ރޭގެ "ވީކެންޑް ކާ ވާރު" ގައި އެޕިސޯޑްގައި ސަލްމާން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ބައިވެރިންގެ ފަރާތުން އެކި ކަންކަމާ ގުޅިގެން ފެނުނު ގޯސްތައް ފާހަގަކޮށް، އެކަންކަން ރަނގަޅުކުރަން އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ޕަވިތުރަ އާއި ޖާން އާއި ނިކީ އާއި އަބިނާވް ފަދަ ފަންނާނުން މިހާރަށް ވުރެ ބޮޑަށް ނަފުސު އިސްލާހުކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް ބައިވެރިން އެކަކު އަނެކަކާ ދިމާ އަށް އަވަގުރާނަ ގޮވައި ހަޅޭއްލަވައި، ގަޔަށް ބޮލަށް އަރާ ހިސާބަށް ދިއުމަކީ ކޮންގެން ވާނެ ކަމެއް ނޫންކަން ސަލްމާން ހަނދާންކޮށް ދީފައިވެ އެވެ. ސަލްމާން ބުނި ގޮތުގައި ކޮންމެ މީހެއްގެ ވެސް އަބުރު ރައްކާތެރިކުރާނީ އެ މީހަކު އަމިއްލައަށެވެ.
"ބިގް ބޮސް 14" އަކީ ކަލާޒް އިން ހަފުތާގެ ހުރިހާ ރެއެއްގައި ގެނެސްދޭ ޝޯއެކެވެ. ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ފިޔަވައި އެހެން ރޭރޭ ޝޯގެ އެޕިސޯޑްތައް ގެނެސްދެނީ ރާއްޖެ ގަޑިން 10:00 ގަ އެވެ. "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ގެނެސްދެނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.
މި ފަހަރު ޝޯ އިން ފުރުސަތު ލިބި ކަޓައިގެން ދިޔަ ބައިވެރިންގެ ތެރޭގައި ނިޝާންތު މަލްކާނީ އާއި ސާރާ ގުރްޕަލްގެ އިތުރުން ޝެހްޒާދު ޑިއޯލް ހިމެނެ އެވެ. "ބިގް ބޮސް 14" ދައްކަން ފެށީ މިދިޔަ މަހުގެ 3 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy