16 ނޮވެމްބަރ 2020 - 08:20
ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުން އަންނަ އެކްޓަރު އަކްޝޭ ކުމާރު "ރާމް ސެތޫ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފިލްމަކީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި އަބުންދަންތިއާ އެންޓަޓައިންމަންޓްގެ އިތުރުން ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ގުޅިގެން ހަދާ ފިލްމެކެވެ. ޗަންދުރަޕްރަކާޝް އަކީ އަކްޝޭ މިހާރު ކުޅެމުން އަންނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ތާރީހީ ބައޮގްރަފިކަލް ޑްރަމާ "ޕްރިތުވީރާޖް" ގެ ޑައިރެކްޓަރެވެ.
"ރާމް ސެތޫ" ދެ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ އެވެ. އޭނާ އަކީ އާދީއްތަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ޑައިރެކްޓަރެވެ. އަބީޝެކް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސޯނަމް ކަޕޫރްގެ "ދަ ޒޯޔާ ފެކްޓާ" އާއި ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އަދި "ތެރެ ބިން ލާދިން" ހިމެނެ އެވެ.
"ރާމް ސެތޫ" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ފިލްމުގެ ޕޯސްޓަރުތަކުން ފެންނަ ގޮތުގައި މިއީ އަކްޝޭ ވަރަށް ތަފާތު ގޮތަކަށް ފެނިގެން ދާނެ ފިލްމެކެވެ. އޭނާގެ އިސްތަށިގަނޑު ވެސް ހުރީ ތަންކޮޅެއް ދިގުކޮށެވެ.
މި މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ލަކްޝްމީ" ގެ އެކްޓަރު ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އަތުރަންގީ ރޭ" އާއި "ބައްޗަން ޕާންޑޭ" އަދި "ރަކްޝާ ބަންދަން" ހިމެނެ އެވެ. މީގެ އިތުރުން ޑައިރެކްޓަރު މުދައްސަރު އަޒީޒު ހަދާ އަދި ނަން އިއުލާންނުކުރާ ކޮމެޑީއަކަށް ވެސް އަކްޝޭ ވަނީ ސޮއިކޮށްފަ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ރޯހިތު ޝެޓީގެ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" އިންނެވެ. ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އަކްޝޭގެ "ބެލް ބޮޓަމް" އަކީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy