ސޯނޫ.
18 ނޮވެމްބަރ 2020 - 08:13
އިންސާނިއްޔަތަކަށްޓަކައި ކުރާ މަސައްކަތުގެ ސަބަބުން އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ޕަންޖާބްގެ ސްޓޭޓް އައިކަންގެ މަގާމަށް ހަމަޖައްސައިފި އެވެ.
"ސްޓޭޓް އައިކަން އޮފް ޕަންޖާބް" ގެ މަގާމަށް 47 އަހަރުގެ އެކްޓަރު ހަމަޖެއްސީ އިންޑިއާގެ އިލެކްޝަން ކޮމިޝަނުންނެވެ. މިއާ އެކު އިންތިހާބުތަކާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން ހިންގާ ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމްތަކުގައި ސޯނޫ ހަރަކާތްތެރި ވާނެ އެވެ.
މިކަމާ ބެހޭ ގޮތުން އޭނާ ބުނީ އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީސީއައި) އިން ދިން ފުރުސަތަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ޕަންޖާބަށް އުފަން މީހެއްގެ ހައިސިއްޔަތުން މި ލިބުނު ފުރުސަތާ ދޭތެރޭ އުފާކުރަން. އަދި މިއީ ޕަންޖާބް ފަހުވެރިވާ ފަދަ މީހަކަށް ވާން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ސޯނޫ ބުންޏެވެ.
އިންޑިއާގެ ލޮކްޑައުންގެ ތެރޭގައި އެތައް ބަޔަކަށް އަމިއްލަ ގޮތުން ވާން ފެށި އެހީގެ ސަބަބުން ސޯނޫ ވެފައި ވަނީ މިހާރު ވަރަށް ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯދާފައިވާ ވަރުގަދަ ޝަހުސިއްޔަތަކަށެވެ. އަދި އޭނާ އިންސާނިއްތަށް ކޮށްދެމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް ދާދި ފަހުން ޔޫއެންޑީޕީން ވަނީ "ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް" ވެސް ދީފަ އެވެ.
ސޯނޫގެ މަސައްކަތްތަކާ ގުޅިގެން އޭނާ އަށް ލިބުނު ސަމާލުކަމާ އެކު މިހާރު އަންނަނީ އޭނާގެ އޮޓޯބައޮގްރަފީ ވެސް ނެރެން ތައްޔާރުވަމުންނެވެ.
އެ ލިޔެފައި ވަނީ ސޯނޫ އާ މީނާ ކޭ އައްޔަރު އެވެ. ޕެންގްއިން އިންޑިއާގެ ތައްގަނޑުގައި ބައޮގްރަފީ ނެރޭނީ އަންނަ މަހުގެ ތެރޭގަ އެވެ.
ބޮލީވުޑް ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ސޯނޫ މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy