"ލޭޑީޒް އެންޑް ޖެންޓްލްމެން" ގެ ޕޯސްޓަރެއް.
22 ނޮވެމްބަރ 2020 - 07:56
ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ރިތޭޝް ދޭޝްމުކާއި ޖެނެލިއާ ޑި ސޫޒާފެ ވެބް ޝޯއެއް ފްލިޕްކާޓް އެޕުން ބުދަ ދުވަހު ގެނެސްދޭން ފަށައިފި އެވެ.
"ލޭޑީޒް އެންޑް ޖެންޓްލްމެން" ގެ ނަން ދީފައިވާ މި ޝޯގައި ދެ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި ކެރިއަރުގެ ވާހަކަތަކުގެ އިތުރުން ސެލެބްރިޓީންނާ އެކު އިނާމު ލިބޭ ގޭމްތަކެއް ވެސް ގެނެސްދޭނެ އެވެ. ޝޯ ގެނެސްދޭނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާ ގޮތަށް ވަރަށް މަޖާކޮށެވެ. މީގެ ޓްރެއިލާ އިން ވެސް ޝޯ އަކީ ޝައުގުވެރިވާނެ އެއްޗެއްކަން ދައްކުވައިދެ އެވެ.
"ލޭޑީޒް އެންޑް ޖެންޓްލްމެން" ގައި ރިތޭޝް އާއި ޖެނެލިއާއާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ކަންކަން ވެސް އެނގިގެން ދާނެ އެވެ. މި ދެ ތަރިން 2012 ގައި ކުރި ކައިވެންޏަށް މިހާރު ދެ ފިރިހެން ދަރިން އެބަތިއްބެވެ.
ރިތޭޝް އާއި ޖެނެލިއާ އަކީ އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި ތުޖޭ މޭރީ ގަސަމް (2003) އާއި މަސްތީ (2004) އަދި ތެރެ ނާލް ލަވް ހޯގަޔާ (2012) ހިމެނެ އެވެ.
ޖެނެލިއާ ދާދި ފަހުން ބުނެފައިވާ ގޮތުގައި އޭނާ އާއި ރިތޭޝް މިހާރު ވެސް އަންނަނީ އެކީގައި ފިލްމެއް ކުޅުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރަމުންނެވެ. އަދި އެކަން މާ ލަސްތަކެއް ނުވެ ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުންޏެވެ.
ކައިވެނިކުރި ފަހުން ޖެނެލިއާ ވަނީ އެކްޓިންއާ ވަރަށް ބޮޑަށް ދުރުވެފަ އެވެ. އޭނާ ފަހުން ކުޅުނު ފިލްމަކީ 2016 ގެ "ފޯސް" އެވެ.
ޖެނެލިއާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ރިލީޒް ނުވެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް "އިޓްސް މައި ލައިފް" މި މަހުގެ 29 ގައި ޒީ ސިނެމާ އިން ޕްރިމިއާކުރާނެ އެވެ. އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލަކީ މިހާރު އެކްޓިންއާ ދުރަށް ގޮސްފައިވާ ހަރްމަން ބަވޭޖާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy