އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ ޑްރަގް މައްސަލައެއްގައި މިއަދު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރުކޮށްފި އެވެ.


ޖޫން މަހުގެ ތެރޭގައި އެކްޓަރު ސުޝާންތު ރާޖްޕޫތު ދަންޖެހިގެން މަރުވި ހާދިސާގެ ފަހުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީން ފެންމަތިވި ޑްރަގްގެ މައްސަލަތައް އެންސީބީން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން އެތަނަށް ހާޒިރުކޮށް މީގެ ކުރިން ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދްކޯން އާއި ޝްރަދާ ކަޕޫރާއި ސާރާ އަލީ ޚާން އަދި އެކްޓަރު އަރުޖުން ކަޕޫރް ހިމެނެ އެވެ.

މީޑިއާތަކުން ބުނީ ބާރްތީ އާއި އޭނާގެ ފިރިމީހާ ޑްރަގް މައްސަލައެއްގައި މިއަދު ހައްޔަރުކުރީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މުމްބާއީގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި މިއަދު ހެނދުނު ކެނަބިސް ފެނިގެން ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންސީބީން މި މައްސަލާގައި އެ ދެމަފިރިންނާ ސުވާލުކުރަމުން އަންނަ އިރު، ބާރްތީ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސް ވެސް ވެފަ އެވެ.

އާންމުން ވަރަށް ލޯބިވާ ކޮމެޑީއަންގެ ގޮތުގައި މަޝްހޫރުވެފައިވާ ބާރްތީ އާއި އޭނާގެ ފިރިމީހާ ހާޝް އަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ހޯސްޓުންނެވެ. ކުރިއަށް އޮތީ އެ ޝޯގެ ފިނާލޭ އެވެ.

ބާރްތީ، 36، އަކީ ސޮނީގެ " ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް ބައިވެރިއެކެވެ. އޭނާ އާއި ހާޝް ކައިވެނިކުރީ 2017 ގަ އެވެ. އަދި އެ ދެ މީހުން އެކީގައި ހޯސްޓްކުރި ޝޯތަކެއް މި އަހަރާއި މިދިޔަ އަހަރު ކަލާޒް ޗެނެލުން ވެސް ގެނެސްދީފައިވެ އެވެ.

ބާރްތީ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައ ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ސަނަމް ރޭ" އާއި "ކިލާޅީ 786" ހިމެނެ އެވެ.