ރާހުލް.
04 ޑިސެމްބަރ 2020 - 08:06
ފިލްމެއްގެ ޝޫޓިންގައި ކަރްގިލްގައި އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ސްޓްރޯކެއް ޖެހިގެން މިހާރު ފަރުވާ ދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރާހުލް ރޯއިގެ ފަރުވާ ހުރިހާ ހަރަދެއް އޭނާ ޝޫޓްކުރަމުން ދިޔަ ފިލްމު "އެލްއޭސީ: ލިވް ދަ ބެޓްލް" ގެ ޓީމުން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ނިވެދިތާ ބާސޫ ބުނެފި އެވެ.
ސްޓްރޯކް ޖެހުމާ އެކު ކަޝްމީރުގެ ސްރީނަގަރަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، ފަހުން އިމަޖެންސީގައި ހެލިކޮޕްޓަރެއްގައި މުމްބާއީ އަށް ގެންގޮސް 52 އަހަރުގެ އެކްޓަރަށް މިހާރު ފަރުވާ ދެމުން އަންނަނީ ނަނާވަތީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ރާހުލްގެ އާއިލާ އިން ބުނެފައިވާ ގޮތުގައި ސްޓްރޯކްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ކަނާތުފަޅި އަށް ވަރަށް އަސަރުކޮށް ވާހަކަ ދެއްކުމަށް ވެސް ވަރަށް ބޮޑަށް އުނދަގޫވެފައިވެ އެވެ. އެހެންވެ މިހާރު އަންނަނީ ތެރަޕީ ވެސް ދެމުންނެވެ.
Strokeh jehigen Rahul Roy ah faruvaadhenee https://t.co/V7pyY36aAT
— Adhushan (@Adhushan1) November 30, 2020
މީޑިއާއަކަށް ނިވެދިތާ ބުނީ ރާހުލްގެ ކުއްލި ބައްޔަކާ އެކު ފިލްމުގެ ޓީމުން އޭނާ އަށް އަޅާނުލާ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ވަގުތުން ފެށިގެން މިހާރު ވެސް ރާހުލްގެ ފަރުވާގެ ހަރަދުތަކެއް ފިލްމުގެ ޓީމުން ހަމަޖައްސައި ދެމުން އަންނަ ކަމަށް ބުންޏެވެ.
"ކަޝްމީރުން މުމްބާއީ އަށް ހެލިކޮޕްޓަރުގައި ގެންދިޔައީ ވެސް ފިލްމުގެ ޑައިރެކްޓަރު ނިތިން ކުމާރު ގުޕްތާގެ ހަރަދުގައި،" ނިވެދިތާ ބުންޏެވެ. "އެހެންވީމަ އަހަރެން އަޅާނުލާ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން. އަހަރެމެން ވާނީ ރާހުލްގެ ފަރުވާގެ ހުރިހާ ހަރަދަކާ ހަވާލުވެފައި."
އޭނާ ބުނިގޮތުގައި ކަރްގިލްގެ ގަދަފިނީގެ ސަބަބުން ރާހުލް އަށް ސްޓްރޯކެއް ޖެހިގެން ފިލްމުގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލަން ޖެހުނު އިރު، ޝޫޓްނުކުރެވި އޮތީ "އާޝީގީ" ކުޅެގެން މަޝްހޫރުވި އެކްޓަރުގެ އެންމެ މަންޒަރެކެވެ. އެހެންވެ ވީހާ ވެސް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި ފިލްމުގެ މުޅި ޓިމް އޮތީ ރާހުލްއާ އެކު ކަމަށް ނިވެދިތާ ބުންޏެވެ.
ހަނގުރާމައިގެ ވާހަކައަކަށް ބިނާކޮށް ހަދާ "އެލްއޭސީ: ލިވް ދަ ބެޓްލް" އަކީ ވެބް ފިލްމެކެވެ. މީގެ ކާސްޓްގައި ޓީވީ އެކްޓަރު ނިޝާންތު ސިންގް މަލްކާނީ ވެސް ހިމެނެ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy