07 ޑިސެމްބަރ 2020 - 07:53
ކޮވިޑާ ހެދި ކުރިމަތިވި ދިގު ލޮކްޑައުން އަށް ފަހު ފިލްމީ މަސައްކަތަށް އަލުން ނުކުމެވުމަކީ އެންމެ ބޮޑު އުފާ ކަމަށާއި އެކަމަކު މިހާރު ކުރިއާ ހިލާފަށް މަސައްކަތްކުރަން ޖެހޭ ގޮތް ބަދަލުވެފައި ވާތީ ވަރަށް އުނދަގޫ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
ފިލްމުފެއާ ދިން އިންޓަވިއުއެއްގައި 27 އަހަރުގެ ބަތަލާ ބުނީ މި އަހަރަކީ ވަރަށް އުނދަގޫ ދަތި އަހަރެއް ކަމަށެވެ.
"ފިލްމީ އިންޑަސްޓްރީ އަށް އެކަނި ބެލިޔަސް ވަރަށް ޗެލެންޖިން އަހަރަކަށް ދެހާސް ވިހިވެގެން މި ދިޔައީ. އެކަމަކު އެ ދަތިކުން ކޮންމެވެސް ވަރަކަށް އަރައިގަނެވި ފިލްމީ ސެޓްތަކަށް ނުކުމެވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން." ހުނަރުވެރި ބަތަލާ ބުންޏެވެ.
އާލިއާ ބުނި ގޮތުގައި ނިއު ނޯމަލްގެ ދަށުން ފިލްމީ މަސައްކަތްތައް މިހާރު ކުރަން ޖެހެނީ ކުރިއާ ވަރަށް ތަފާތުކޮށް ކަމަށެވެ.
"ފޮލޯކުރަން ޖެހޭ ބައިވަރު ޕްރޮޓޮކޯލްތަކާއި ވަރަށް ގިނަ ރެސްޓްރިކްޝަންތަކެއް ވެސް އެބަހުރި. އެހެންވީމާ އަސްލު މަސައްކަތް ކުރަން އެހާ ފަސޭހައެއް ނޫން،" އޭނާ ބުންޏެވެ. "އެކަމަކު މި ހާލަތުގެ ގޮތުން މި ވަގުތު އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ގުރުބާންކުރަން ޖެހުނަސް މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނާނެ ކަމަށް އަބަދު ވެސް އުންމީދުކުރަނީ."
އާލިއާ މި ވަގުތު އަންނަނީ މާޗްގައި އިއުލާންކުރި އިންޑިއާގެ ލޮކްޑައުންގެ ކުރިން އޭނާ ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމައިލާނެ އެވެ. އެކަމަކު ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކޮވިޑްގެ ވަބާ ކުރިމަތިނުވި ނަމަ "ގަންގްބާއީ" އަކީ މިދިޔަ ސެޕްޓެމްބަރުގައި 11 ގައި ރިލީޒްކުރާނެ ފިލްމެކެވެ.
އާލިއާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓް މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކުރި "ސަޅަކް 2" އެވެ. "ގަންގްބާއީ" ނިންމައިލުމަށް ފަހު ޖެނުއަރީ މަހުގެ ތެރޭގައި އާލިއާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޝޫޓިން ފަށާނެ އެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ކަރަން ޖޯހަރްގެ "ތަޚުތު" އާއި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy