06 ޑިސެމްބަރ 2020 - 11:28
ކަލާޒް އިން ގެނެސްދޭ "ބިގް ބޮސް 14" ގެ ފިނާލޭ މި ހަފުތާގައި އޮންނާނެ ކަމަށް ބުނެ ބައިވެރިންނަށް ޝޮކެއް ދިނުމަށް ފަހު، ޝޯ އަށް ގެނައި ބަދަލު އޭގެ ހޯސްޓް ސަލްމާން ޚާން ހޮނިހިރު ދުވަހުގެ ރޭ ހާމަކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑް ދެއްކި އިރު ދެ ބައިވެރިޔަކަށް އޮތީ ފިނާލޭ ކަށަވަރުވަފެ އެވެ. އެއީ އިޖާޒް ޚާނާއި އަބިނާވް ޝުކްލާ އެވެ. އެ ދެ މީހުންނާ އެކު ދެން ޝޯގައި ތިބީ އަބިނާވްގެ އަންހެނުން ރުބީނާ ދިލައިކާއި ރާހުލް ވައިދިއާ އާއި ޖޭސްމިން ބާސިންގެ އިތުރުން ނިކީ ތަމްބޯލީ އެވެ.
އެންމެ ހައިރާން ކުރިވަނިވި އެއް ކަމަކީ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑުން ނިކީ ޝޯއާ ވަކިވާން ޖެހުމެވެ. ބެލުންތެރިންގެ ވޯޓް އެންމެ ދަށްކޮށް ލިބިގެން އޭނާ ބިގް ބޮސްގެ ގެ ދޫކޮށްލަން ޖެހުނު އިރު ނިކީ ފާހަގަކުރެވުނީ މި ފަހަރުގެ ސީޒަން ފެށުނީއްސުރެ އެންމެ އެންޓަޓައިނިން އަދި އެންމެ ބޮޑަށް ފޯރި އާއި ޖޯޝް ދައްކުވައި ދިން ބައިވެރިޔާގެ ގޮތުގަ އެވެ.
"ބިގް ބޮސް 14" އިން ފުރުސަތު ދިން ބައިވެރިންގެ ތެރެއިން މި ފަހަރު ފިނާލޭ އަށް ދާން ފުރުސަތު ލިބޭނީ ހަތަރު ބައިވެރިޔަކަށެވެ. އެ ބައިވެރިންނަކީ ކޮން ބައެއްކަން އާދީއްތަ ދުވަހުގެރޭ ކަށަވަރުވާނެ އެވެ. ބެލެވޭ ގޮތުން ޝޯ އިން އަލްވަދާއު ކިޔާނީ ރާހުލް އެވެ. ސަބަބަކީ އޭނާގެ ޝައުގުވެރިކަން ޝޯ އަށް މިހާރު ގެއްލިފައިވާ ކަމަށް ބުނެފައިވާތީ ގެ ދޫކޮށްދާން ސަލްމާން ވެސް އެދިފައި ވާތީ އެވެ.
މިފަހަރު ވައިލްޑް ކާޑްގެ ދަށުން އެންމެ ފުރަތަމަ ފުރުސަތު ލިބުނު ބައިވެރިންގެ ތެރެއިން އެކަކު ވެސް މިހާރު ޝޯގައި ނެތެވެ.
ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު އަލީ ގޯނީ މިދިޔަ ހަފުތާގައި ޝޯއިން ވަކިވާން ޖެހުނު އިރު، ކަވީތާ ކޯޝިކް ވަނީ ރުބީނާއާ ދެމެދު ހިނގި ޒުވާބުގަނޑެއްގައި އަމިއްލަ އަށް ގެ ދޫކޮށް ގޮސްފަ އެވެ. އޭނާ އަށް މި ފަހަރުގެ ސީޒަނުން ދެ ފަހަރަށް ލިބުނު ފުރުސަތު ވެސް ދިޔައީ ފެނަށެވެ. އަދި ކަވީތާ ފާހަގަކުރެވުނީ ބިގް ބޮސްގެ ތާރީހުގައި ވެސް އަމިއްލަ އަށް ބިގް ބޮސްގެ ގެ ދޫކޮށް ދިޔަ ފުރަތަމަ ބައިވެރިޔާގެ ގޮތުގަ އެވެ.
"ބިގް ބޮސް 14" އަށް ހޮނިހިރު ދުވަހުގެ ރޭ ގެނައި ބޮޑު ބަދަލަކީ އާ ބައިވެރިންތަކަކަށް ޝޯ އިން ފުރުސަތު ދިނުމެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރިން ޝޯގެ އެކި ސީޒަންތަކުގައި ވާދަކުރި ހަ ބައިވެރިއެކެވެ.
އެއީ ސީޒަން އެކެއްގައި ވާދަކުރި ޑްރާމާ ކްއީންގެ ނަމުން މަޝްހޫރު ރާކީ ސާވަންތާއި ސީޒަން 11 އާއި 12 ގައި ވާދަކުރި ވިކާސް ގުޕްތާ އާއި ސީޒަން އެކެއްގައި ވާދަކުރި ކަޝްމީރާ ޝާހާއި ސީޒަން ދޭއްގައި ވާދަކުރި ރާހުލް މަހާޖަނާއި ސީޒަން 10 ގައި ވާދަކުރި މަނޫ ޕަންޖާބީގެ އިރުތުން ސީޒަން 11 ގައި ވާދަކުރި އަރްޝީ ޚާނެވެ.
މި ބައިވެރިން މި ފަހަރުގެ ސީޒަނުގައި ޗެލެންޖާޒްގެ ގޮތުގައި ހިއްސާވެ، ޝޯގެ ފިނާލޭ ކަށަވަރުކުރާ ހަތަރު ބައިވެރިންނާ ވާދަކުރާނެ އެވެ. އެހެންވެ "ބިގް ބޮސް 14" ގެ ފޯރިގަނޑު އަދި ކުރިއަށް އޮތީ އެވެ.
މި ފަހަރުގެ ސީޒަން ފެށި އިރު ވެސް ކުރީގެ ސީޒަންތަކުން ތިން ބައިވެރިޔަކު ސީނިއާގެ ގޮތުގައި ދެ ހަފުތާ އަށް ޝޯގައި ބައިވެރިވި އެވެ. އެއީ ސީޒަން 13 ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ސީޒަން 7 ކާމިޔާބުކުރި ގޯހަރް ޚާންގެ އިތުރުން ސީޒަން 11 ގައި ވާދަކުރި ހީނާ ޚާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
4090
06 December 2020
ތީގެން އިނގެނީ އިންޑިޔާ ގަ ކޮވިޑް އެއްވެސް ވަރަކައް ނެތްކަން