މަހީމާ.
15 ޑިސެމްބަރ 2020 - 07:57
މިހާރު ޝޫޓިން ކުރިއަށްދާ ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އިން ޓީވީ ބަތަލާ އަކު ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޫސްތަކުން ބުނި ގޮތުގައި މި ފިލްމުން ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ބެލެވެނީ ދާދި ފަހުން ކަލާޒް ޗެނެލުން ނިންމައިލި ސިލްސިލާ "ޝުބްއާރަމްބް" ގެ ބަތަލާ މަހީމާ މަކްވާނާ އެވެ. އޭނާ ކުޅޭނީ "އަންތިމް" ގައި އާޔޫޝްގެ ބައިވެރިޔާގެ ރޯލެވެ.
ކުރިން ބައެއް މީޑިއާތަކުން ބުނީ "އަންތިމް" ގައި އާޔޫޝްއާ އެކު ބަތަލާގެ ރޯލް ކުޅޭނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ސިލްސިލާއެއް ކަމަށްވާ "ބަލިކާވަދޫ" އިން ވިދައިލި އަވިކާ ގޯރް، 23، ކަމަށެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރި މަހޭޝް މަންޖްރޭކަރް ވަނީ އެކަން ދޮގުކޮށްފަ އެވެ.
މަހީމާ، 21، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ސަޕްނޭ ސުހާނޭ ލަޅަކްޕަން ކޭ" އާއި ސްޓާ ޕްލަސްގެ "ރިޝްތޯން ކާ ޗަކްރަވިހް" ހިމެނެ އެވެ.
މީޑިއާތަކުން ބުނީ "އަންތިމް" ގައި ސަލްމާންގެ ބައިވެރިޔާގެ ރޯލް ކުޅޭނީ ޑައިރެކްޓަރު މަހޭޝްގެ ދަރިފުޅު ސާއީ މަންޖްރޭކަރް ކަމަށެވެ. އޭނާ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު ގެނެސްދިން ސަލްމާންގެ "ދަބަންގް 3" އިންނެވެ.
"އަންތިމް" ގައި މަހޭޝްގެ އަނެއް ދެ ދަރިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިރިހެން ދަރިފުޅު ސަތިއާ މަންޖްރޭކަރް އަންނަނީ އެސިސްޓަންޓް ޑައިރެކްޓަރެެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އަދި ޕްރޮފެޝަނަލް ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ އަވްޝާމީ މަންޖްރޭކަރަކީ "އަންތިމް" ގެ ކޭޓަރިންއާ ހަވާލުވެގެން ހުރި މީހާ އެވެ.
މި ފިލްމަކީ 2018 ގައި ރިލީޒްވި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ސަލްމާން ފިލްމުގައި ކުޅެނީ ފަގުޑި އެޅި ފުލުހެއްގެ ރޯލެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy