15 ޑިސެމްބަރ 2020 - 07:58
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 33 އަހަރުގެ ބަތަލާ ބުނީ އޭނާގެ އާއިލާގެ ތެރޭގައި ސިޔާސީ މީހުން ތިއްބަސް އެ ދާއިރާ އަށް ނުކުތުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.
"އެކަހަލަ އެއްވެސް ޕްލޭނެއް އަދި ޝައުގުވެރި ކަމެއް ވެސް ނެތް. ފިލްމީ ދާއިރާއާ ދޭތެރޭ އަހަރެން ހުރީ ހިތްހަމަޖެހިގެން،" ފިލްމު "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.
ސޮނާކްޝީގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރަގަން ސިންހާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާ އިން ފާހަގަކޮށްލެވޭ ނުފޫޒު ގަދަ މީހެކެވެ. އޭނާ ވަނީ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ވެރިކަމުގައި ބައެއް މިނިސްޓްރީތަކުގެ ވަޒީރުކަމާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަން ވެސް ކޮށްފަ އެވެ.
ކުރިން ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުރި ނަމަވެސް ސަތަރޭ އަކީ މިދިޔަ އަހަރުން ފެށިގެން އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރެކެވެ.
އޭނާގެ ތިން ދަރިންގެ ތެރެއިން ދޮއްޓަށް ތިބި އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ތެރެއިން ލަވް ސިންހާ ވެސް މިހާރު ވަނީ ސިޔާސީ ދާއިރާ އަށް ނުކުމެފަ އެވެ. އެކަމާ ބެހޭ ގޮތުން ސޮނާކްޝީ ބުނީ ލަވްގެ ނިންމުމާ ދޭތެރޭ އުފާކުރާ ކަމަށެވެ.
"އޭނަ އަކީ އަބަދު ވެސް ސިޔާސީ ދާއިރާގެ ވާނުވާ އެނގޭ އެ ދާއިރާ އަށް ވަރަށް ބޮޑަށް ލޯހުވިފައިވާ މީހެއް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާ އިން ލަވް ކާމިބާޔީތަކެއް ހޯދާނެ ކަމަށް ވެސް އުންމީދުކުރަން،" ސޮނާކްޝީ ބުންޏެވެ.
ލަވް، 37، ސަދިޔާން (2010) އިން ބޮލީވުޑަށް ނުކުތް ނަމަވެސް އޭނާ އަށް ފަހުން ކުޅޭނެ ފިލްމެއް ނުލިބެ އެވެ. އެކަމަކު ޑައިރެކްޓަރު ޖޭޕީ ދައްތާ 2018 ގައި ގެނެސްދިން ބޮޑު ކާސްޓެއް ހިމެނޭ ހަނގުރާމަ ފިލްމު "ޕަލްޓާން" ގެ ރޯލަކުން ލަވް ފެނިފައިވެ އެވެ.
މިދިޔަ މަހު ބޭއްވި ބިހާރުގެ ލެޖިސްލޭޓިވް އެސެމްބްލީ އިންތިހާބުގައި ބަންކީޕޫރް ދާއިރާ އަށް ވާދަކުރި ނަމަވެސް އޭނާ އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
އެ ނާކިޔާބީއާ ބެހޭ ގޮތުން ސޮނާކްޝީ ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.
"އަހަރެމެން އުންމީދުކުރި ގޮތަކަށް ނޫން ނަތީޖާ ނުކުތީ. އެހެން ވިޔަސް ލަވް ކުރި މަސައްކަތާ ދޭތެރޭ އަހަރެން ވަރަށް ފަހުރުވެރިން. ސިޔާސީ ދާއިރާ އަކީ ވެސް ކާމިޔާބީ އާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމެއް،" ސޮނާކްޝީ ބުންޏެވެ. "އަހަރެން އެންމެ އުފާކުރާ ކަމަކީ އިންޑިއާގެ ސިޔާސީ ދާއިރާ އަށް ޒުވާނުން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ލަވް އެ ދާއިރާ އަށް ނުކުންނަން ނިންމީމަ."
މިދިޔަ އަހަރު "ދަބަންގް 3" އިން ފެނިގެން ދިޔަ ސޮނާކްޝީގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. ސޮނާކްޝީގެ އަތުގައި "ފޯލެން" ކިޔާ ވެބް ސީރީޒެއް ވެސް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy