18 ޑިސެމްބަރ 2020 - 14:23
މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އަލަތު ދަރިފުޅުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
ބޮލީވުޑްގައި މިހާރު އެންމެ ވިދާ އަންހެން އަޑުގެ ގޮތުގައި ފާހަގަކުރެވޭ ނޭހާ އާއި އަރަމުން އަންނަ ޕަންޖާބީ މިއުޒިޝަން ރޯހަންޕްރީތު ސިންގް ކައިވެނިކުރީ އޮކްޓޯބަރު މަހުގެ 24 ގަ އެވެ. ނޭހާ ބަލިވެއިން ވާހަކަ ހިއްސާކޮށްފައި މި ވަނީ ކައިވެންޏަށް ފަހު ހަނީމުންގެ ދުވަސްތައް ދުބާއީގައި ހޭދަކޮށް، މިހާރު ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 އާ ނޭހާ ގުޅިފައި ވަނިކޮށެވެ.
ނޭހާ ޖަޖެއްގެ ރޯލު އަދާކުރާ އެ ޝޯގެ ގްރޭންޑް ޕްރީމިއާ މާދަމާ ރޭ ސޮނީން ގެނެސްދޭނެ އެވެ. ނޭހާއާ އެކު "އިންޑިއަން އައިޑޮލް 12" ގެ ޖަޖުުންނަކީ ވިޝާލް ދަދްލާނީ އާއި ހިމޭޝް ރޭޝަމިއާ އެވެ.
ނޭހާ ބަލިވެއިން ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރީ ފިރިމީހާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގައި ނޭހާ ބަނޑުބޮޑުކަމަށް ދައްކާ އިރު ކެޕްޝަންގައި ލިޔެފައި އޮތީ، ރޯހަން "ވަރަށް އޯގާތެރި" ކަމަށް ބުނެފަ އެވެެ. އަދި ޕޯސްޓްގެ މާނަ ދޭހެވެގެން ވަރަށް ގިނަ ބަޔަކު މަރުހަބާ ވެސް ކިޔާފައިވެ އެވެ.
މީގެ އިތުރުން ނޭހާގެ ބޭބެ ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރް ވެސް ވަނީ ބޮޑުބޭބެއަކަށް ވާން އުޅޭ ކަމަށް ބުނެ ،ނޭހާ ބަލިވެއިން ވާހަކަ ކަށަވަރުކޮށް ދީފަ އެވެ.
ނޭހާ، 32، އާއި ރޯހަޕންޕްރީތު، 26، ކައިވެނިކުރީ ނޭހާ އަމިއްލަ އަށް މިއުޒިކް ހަދައި ލިޔެ، ކިޔާފައިވާ ލަވަ "ނޭހާ ދާ ވިއާ" ގެ ވީޑިއޯ ލަވަ ޝޫޓްކުރުމުގެ ތެރޭގައި ދެ މީހުންނަށް ލޯބިވެވުނުތާ ވެސް މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
ދާދި ފަހުން ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ނޭހާގެ ދެމަފިރިން ބައިވެރިވެ، ނޭހާ ބުނީ ރޯހަން ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން ކަމަށެވެ. އެކަމަކު އެއީ އޭނާގެ ފިރިއަކަށް ވާނެ މީހާ ކަމަށް ވީޑިއޯ ލަވައިގެ ސެޓުން ބައްދަލުވުމުގެ ކުރިން އެއްވެސް ވަރަކަށް ހީ ނުކުރާ ކަމަށާއި އެކަމަކު ރޯހަންޕްރީތަކީ ފިރިއަކަށް އެންމެ ބޭނުންވާ ކަހަލަ މީހެއް ކަމަށް ނޭހާ ބުންޏެވެ.
ނޭހާއާ ކައިވެނިކުރުމުގެ މަސްތަކެއް ކުރިން މި އަހަރުގެ ކުރީކޮޅު ކަލާޒް ޗެނެލުން ގެނެސްދިން މެޗްމޭކިން ޝޯއެއްގައި ރޯހަންޕްރީތު ބައިވެރިވެފައިވެ އެވެ.
އެ ޝޯ އަކީ "ބިގް ބޮސް 13" ގެ ތިން ވަނަ އަށް ދިޔަ ޝެހެނާޒް ގިލް (ސަނާ) އާއި ހަމަ އެ ސީޒަނުގައި ވާދަކުރި ޕާރަސް ޗާބްޅާ ހަޔާތުގެ ބައިވެރިން ހޯދަން ކުރިއަށް ގެންދިޔަ ޝޯއެކެވެ. ނަމަވެސް ޝޯ އަށް ފަހުން އެ ދެ މީހުންގެ ޝައުގުވެރިކަން ގެއްލި، ޝޯގެ ޓީއާރްޕީ ވެސް ވަރަށް ބޮޑަށް ދަށްވުމުން ހުއްޓާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެލެން
20 December 2020
ހެޔޮ ނުވާނެ. އެއީ އޭނަ ލަވައެއް ކުޅެން ހެދިގެން ހުރި ގޮތެކޭ
އަބްދުއްالله
19 December 2020
އެހެންތަ؟
ޚައްޖަކަ
18 December 2020
ނޭހާ ބަލިވެ އިނީ އެހެންވީމަ ކައިވެނީގެ ކުރިންތާ ދޯ