ހަރްމަން.
22 ޑިސެމްބަރ 2020 - 07:55
ބޮލީވުޑަށް ނުކުތްތާ މާ ގިނަ ދުވަސްތަކެއް ނުވެ އިންޑަސްޓްރީންް ގެއްލުނު އެކްޓަރު ހަރްމަން ބަވޭޖާ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެެ.
ކުރިން ބަތަލާ ބިޕާޝާ ބާސޫ އާއި ޕްރިޔަންކާ ޗޯޕްރާއާ އެކު ވެސް ލޯބީގެ ގުޅުމެއް ބޭއްވި 40 އަހަރުގެ އެކްޓަރު އެންގޭޖްވި ވާހަކަ އެންމެ ފުރަތަމަ އިންސްޓަގްރާމްގައި ހިއްސާކުރީ ދައްތަ ރޮވީނާ ބަވޭޖާ އެވެ. ހަރްމަންގެ ބައިވެރިޔަކީ ވެލްނެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ސާޝާ ރާމް ޗަންދާނީ އެވެ.
އެ ދެ މީހުންގެ އެންގޭޖްމަންޓް އޮތީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ބައެއް ގާތް ރައްޓެހިންނާ އެކީ ބޭއްވީ ޗަންދީގަޅްގަ އެވެ.
ހަރްމަން ބޮލީވުޑަށް ނުކުތީ ބައްޕަ ހަރީ ބަވޭޖާ 2008 ގައި ގެނެސްދިން "ލަވް ސްޓޯރީ 2050" އިންނެވެ. ޕްރިޔަންކާ އާއި ހަރްމަނާ ދެމެދު ލޯބީގެ ގުޅުމެއް ފެށުނީ އެ ފިލްމުގެ ސެޓުންނެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ އެ ގުޅުން ނިމުމަކަށް އައި އިރު ދެ ތަރިން އެކީގައި އިތުރު ފިލްމެއް ވެސް ކުޅުނެވެ. އެއީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ 2009 ގެ "ވަޓްސް ޔޯ ރާޝީ؟" އެވެ.
ހަރްމަން އެންމެ ފަހުން ކުޅުނު ފިލްމަކީ 2014 ގައި ބަތަލާ ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދުރާ ޕްރޮޑިއުސްކުރި "ޑިޝްކިޔާއޫ" އެވެ.
މީގެ އަހަރުތަކެއް ކުރިން ހަރްމަން ކުޅެ، ރިލީޒްނުވެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމު "އިޓްސް މައި ލައިފް" މިދިޔަ މަހު ޒީ ސިނެމާއިން ޕްރިމިއާކޮށްފައިވެ އެވެ.
ހަރްމަން ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރު އޭނާ އަށް އެންމެ ބޮޑަށް އަމާޒުވި ފާޑުކިޔުމަކީ ރިތިކް ރޯޝަނާ ވައްތަރު ގޮތެއް ހުންނާތީ އޭނާ ކޮޕީކުރަން އުޅުނު އެކްޓަރެއްގެ ގޮތުގަ އެވެ. އަދި އޭރު ބައެއް މީހުން ރިތިކުން ބޮލީވުޑަށް ފުދޭ ކަމަށާއި އިތުރު ރިތިކެއް ބޭނުން ނުވާ ކަމަށް ބުނެ ހަރްމަން އަށް މަލާމާތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy