ހަރްމަން ބަވޭޖާ އޭ ބުނުމުން ގިނަ މީހުން ހަނދާންވަނީ ރިތިކް ރޯޝަން މަތިންނެވެ. ރިތިކް ގޮތަށް ހަރްމަން އަކީ ވެސް މޮޅު ނެށުންތެރިއެކެވެ. އޭނާގެ ފިލްމު "ލަވްސްޓޯރީ 2050"ގައި ހަރްމަން ވަނީ އޭނާގެ ނެށުމުގެ ދައްކާލައިފަ އެވެ.

ހަރްމަން ފިލްމު ކުޅެން ފެށުމާއެކު ވަރަށް އަވަހަށް މަޝްހޫރުވެ ކާމިޔާބު ލިބެން ފެށި އެވެ. ނަމަވެސް އޭނާގެ ވެއްޓުން ވެސް އައީ ހަމަ އެހާ އަވަހަށެވެ. އޭނާގެ "ވަޓްސް ޔުއަ ރާޝީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނެވެ. ނަމަވެސް އޭގެ ފަހުން ހުރިހާ ފިލްމުތަކެއް ހެން ވީ ފްލޮޕެވެ.

އޭނާގެ އެކްޓިން އާއި އޭނާގެ ފިލްމުތަކަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔައިރު އޭނާ މަޝްހޫރުވީ ޕްރިޔަންކާ ޗޯޕްރާ އާއި ބިޕާޝާ ބާސޫއާ އެކު އޮތް ލޯބީގެ ގުޅުންތަކުގެ ސަބަބުންނެވެ. ނަމަވެސް މި ގުޅުންތައް ވެސް މާ ގިނަ ދުވަހަކަށް ކުރިއަކަށް ނުދިޔަ އެވެ.

ހަރްމަން ފިލްމު ކުޅެން ފެށި ދުވަސްވަރު ރިތިކަށް ވާން ވެގެން އޭނާގެ ހަށިގަނޑާއި ހެއާ ސްޓައިލް އަދި ހެދުން އަޅާ ގޮތް ވެސް ރިތިކާ ވައްތަރުކޮށްގެން އުޅޭ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިއެވެ.

ކޮންމެއަކަސް މާ ގިނަ ފިލްމުތައް ފްލޮޕްވާން ފެށުމުން ހަރްމަން ފިލްމު އިންޑަސްޓްރީ ދޫކޮށްލީ އެވެ. އޭގެ ފަހުން އޭނާގެ އަޑެއް ބަޑެއް ނީވޭތާ ނުވަ ވަރަކަށް އަހަރު ވަނީ ފާއިތުވީފަހުން ކުއްލިއަކަށް އޭނާގެ ޚަބަރުތައް އަނެއްކާވެސް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފި އެވެ. މިފަހަރު އޭނާއަށް މީޑިއާގެ ސަމާލުކަން ލިބުނީ މާ ބޮޑަށް މުސްކުޅިވެފައި ހުރެގެންނެވެ. އަދި މިހާރު ރިތިކާ އޭނާ އެއްގޮތަކަށް ވެސް ވައްތަރު ނޫންކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެ އެވެ.

ހަރްމަން، 36، އަށް ފާޑުކިޔާ މީހުން ބުނަނީ އޭނާއަށް ވުރެ އުމުރުން ދުވަސްވީ ސަލްމާން ޚާން، ޝާހްރުކް ޚާން އަދި އާމިރު ޚާން ފަދަ ތަރިންގެ ހަށިގަނޑު ރަނގަޅަށް ބަލަހައްޓައި އެހާ މުސްކުޅި ސިފަ ނުޖަހާއިރު އެމީހުންނަށް ވުރެ ދުވަސްވީ ސިފަ ހަރްމަންގެ ކިބައިން ފެންނަ ކަމަށެވެ.

ފިލްމު ޑައިރެކްޓް ވެސް ކުރާ ހަރްމަން ރައްޓެހިންތަކަކާ އެކު މުމްބައިގެ ރެސްޓޯރެންޓަކުން ނުކުންނަނިކޮށް ފެނިގެން އޭނާގެ ފޮޓޯތަކެއް މިހާރު ވަނީ ދައުރުވާން ފަށާފަ އެވެ. ގިނަ ދުވަސްތަކަކަށްފަހު ހަރްމަންގެ ފޮޓޯއެއް ފެނުމުން އުފާވި މީހުން ތިބި ނަމަވެސް އަނެއް ބަޔެއްގެ ޝަކުވާ އަކީ އޭނާގެ ސިފަ މާބޮޑަށް ބަދަލުވެފައި ހުރުމެވެ. މާބޮޑަށް ފަލަވެފައި ހުރިއިރު ބޮލުގައި ހުރި ނުރަތައް ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.