ކުމާރު ގޯރަވް.
28 ޑިސެމްބަރ 2020 - 07:50
ބޮލީވުޑްގެ ކުރީގެ އެކްޓަރު ކުމާރު ގޯރަވްގެ ނަމާ އެކު ފުރަތަމަ ހަނދާނަށް އަންނާނީ 1981 ގެ ފިލްމު "ލަވް ސްޓޯރީ" އެވެ. އަދިވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެއްގެ ގޮތުގައި އޮތް އެ ފިލްމު ކުޅެގެން ކުމާރަކީ ކުއްލި ބޮޑު މަޝްހޫރު ކަމެއް ލިބުނު އެކްޓަރެކެވެ.
ކުމާރާއި ވިޖޭތާ ޕަންޑިތު ލީޑް ރޯލު ކުޅުނު "ލަވް ސްޓޯރީ" އަކީ ހިތްގައިމު އަސަރުގަދަ އެތައް ލަވައެއް ވެސް ބެލުންތެރިންގެ ހަނދާނުގައި ރައްކާކޮށްލަން ލިބުނު ފިލްމެކެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު ބޮޑު ތަރިއަކަށް ކުމާރު ވިޔަސް އޭނާގެ ފިލްމީ ކެރިއަރު އެހާ ކާމިޔާބެއް ނޫނެވެ. އަދި ކެރިއަރު ވަރަށް އަވަހަށް ނިންމާލަން ޖެހުނެވެ.
އަސްލު ނަމަކަށް މަނޯޖް ތުލީ ކިޔާ، މިހާރު އުމުރުން 60 އަހަރުގެ މި ފަންނާނު ނިސްބަތްވަނީ ވެސް ފިލްމީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ ރާޖެންދުރަ ކުމާރަކީ 1950-1960 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދައިލި އަދި ރީތި އެތައް ފިލްމެއް ކުޅުނު ތަރިއެކެވެ. ރާޖެންދުރަ ވަނީ 1999 ގައި މަރުވެފަ އެވެ.
"ލަވް ސްޓޯރީ" އިން ފަށައިގަތް ފިލްމީ ދަތުރުގެ ތެރެއިން ކުމާރު ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކަކީ 1982 ގެ "ތޭރީ ކަސަމް" އާއި ހަމަ އެ އަހަރުގެ "ސްޓާ" އާއި 1986 ގެ "ނާމް" ގެ އިތުރުން 2002 ގެ "ކާންޓޭ" އެވެ.
ބޮޑު ކާސްޓަކާ އެކު ޑައިރެކްޓަރު ސަންޖޭ ގުޕްތާ ގެނެސްދިން "ކާންޓޭ" އަކީ ކުމާރު އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނު ފިލްމު ވެސް މެ އެވެ.
ކުމާރު ކައިވެނިކުރީ 1984 ގަ އެވެ. އޭނާގެ އަންހެނުންނަކީ އެކްޓަރު ސަންޖޭ ދަތުގެ ހަގު އަންހެން ކޮއްކޮ ނަމްރަތާ ދަތެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ސާޗީ ކުމާރު، 33، އަކީ ވެސް ވަނީ ކައިވެނިކޮށްފަ އެވެ. އޭނާގެ ފިރިމީހާ އަކީ އެކްޓަރު ސަލްމާން ޚާން 2014 ގައި ޕްރޮޑިއުސްކުރި ފިލްމު "އޮ ތެރީ" އިން ތައާރަފުކުރި އެކްޓަރު ބިލާލް އަމްރޯހީ، 36، އެވެ. އޭނާ އަކީ "ޕަކީޒާ" ފަދަ ފިލްމުތައް ގެނެސްދިން ކުރީގެ މަޝްހޫރު ޑައިރެކްޓަރު ކަމަލް އަމްރޯހީގެ ކާފަދަރިއެކެވެ.
"އޮ ތެރީ" ގެ ފަހުން ބިލާލް އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ.
ކުމާރުގެ ދެން ވެސް ހުންނަނީ އަންހެން ދަރިއެކެވެ. އެއީ ސިޔާ ކުމާރު، 29، އެވެ. ދެ ފަރާތުގެ އާއިލާގައި ފިލްމީ މީހުން ތިއްބަަސް ކުމާރުގެ ހުރިހާ ދަރިންނަކީ ވެސް އަންހެނުން ނަމްރަތާ ފަދައިން ފިލްމީ ދާއިރާއާ ވަރަށް ދުރުގައި އުޅޭ ބައެކެވެ.
ކުމާރާއި ނަމްރަތާ.
ބެލުންތެރިންގެ ހަނދާންތަކާ ވަކި ނުވާ ކަހަލަ ފިލްމަކުން ކުމާރު އެކްޓިން އަށް ނުކުތް ނަމަވެސް އޭނާ މިހާރު ހުރީ ފިލްމީ ދާއިރާއާ ވަރަށް ދުރުގަ އެވެ. އެކްޓިން އަށް ދެން އެނބުރި އައުމެއް ވެސް ނެތެވެ. ކުމާރު އުޅެނީ އަމިއްލަ ވިޔަފާރީގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަސް
28 December 2020
ބައްޕައަކީ މޮޅު އެކްޓަރެއް. ބައްޕަ ގެ ހުނަރު ދަރިންނަށް ލިބޭފަހަރާއި ނުލިބޭފަހަރު އަންނާނެ. ގުދުރަތީ ގާނޫނު.
ސޮފާ
28 December 2020
ތީ ދުވެހި ރާއްޖޭގެ ބޮޑު ގުޅާ މީހެއް