އާސްމާން.
01 ޖެނުއަރީ 2021 - 09:34
ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޝާލް ބަރަދްވާޖްގެ ފިރިހެން ދަރިފުޅު އާސްމާން ބަރަދްވާޖް ޑައިރެކްޝަނަށް ނުކުންނަ ފިލްމަކީ ތުރިލާއެއް ކަމަށާއި އެ ފިލްމު ޕްރޮޑިއުސްކުރާނީ ބައްޕަ އާއި ލަވް ރަންޖަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލަވް އަކީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ދޭ ދޭ ޕިޔާރު" ދޭ ފަދަ ފިލްމުތައް އުފެއްދި ޕްރޮޑިއުސަރެވެ.
މީޑިއާތަކުން ބުނީ މިދިޔަ އަހަރު ނިއު ޔޯކް ފިލްމު އެކެޑެމީން ފިލްމު މޭކިން އިން ގްރެޖްއޭޓްވި އާސްމާންގެ އަލަތު ފިލްމު ރަސްމީކޮށް އިއުލާންކުރަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ބައްޕަގެ ފިޔަވަޅު މަތިން އާސްމާން ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އާސްމާންގެ ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ވެސް ނިންމާފައިވާ އިރު، މިހާރު އެއަށް ކާސްޓުން ހަމަޖައްސަމުން އަންނަ ކަމަށާއި ފެށޭ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.
އާސްމާން ކުރިން ވަނީ ބައްޕަ ވިޝާލް ހެދި ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރްގެ "ކަމީނޭ" އާއި ޕްރިޔަންކާ ޗޯޕްޅާގެ "ސާތު ހޫ މާފް" ގެ އިތުރުން އަނުޝްކާ ޝަރުމާގެ "މަތުރު ކީ ބިޖީލީ ކާ މަންޑޯލާ" ހިމެނެ އެވެ.
ވިޝާލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަޓާކާ" އެވެ.
ދަރިފުޅު ޑައިރެކްޝަނަށް ނުކުތުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އާސްމާންގެ ފިލްމުގެ ސްކްރިޕްޓް ފައިނަލްކުރުމުގައި ވިޝާލާއި ލަވްގެ އެހީތެރިކަން ލިބިފައިވެ އެވެ. އެހެންވެ އެ ފިލްމަކީ ފެންވަރުގެ ގޮތުން ބަލައިފި ނަމަ އާދައިގެ އެއްޗަކަށް ނުވާނެ އެވެ.
އާސްމާންގެ މަންމަ އަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ރޭކާ ބަރަދްވާޖެވެ. ބައްޕަ އާއި މަންމަ ފަދައިން އާސްމަނަކީ މިއުޒިކްގެ ވެސް ފަންނާނެކެވެ. ވިޝާލަކީ އޭނާ ހަދާ ފިލްމުތަކަށް އަމިއްލަ އަށް މިއުޒިކް ހަދާ ޑައިރެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy