އަނަންޔާ އާއި އިޝާން ޗުއްޓީ ހޭދަކުރި ރިސޯޓްގެ މުވައްޒަފަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.
08 ޖެނުއަރީ 2021 - 07:29
ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ އާ އަހަރުގެ ޗުއްޓީ ދިވެހިރާއްޖޭގައި ފާހަގަކުރި ދަތުރުގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކެއް އިޝާން އިންސްޓަގްރާމަށް ލައިފި އެވެ.
ޝާހިދު ކަޕޫރްގެ ކޮއްކޮގެ ވީޑިއޯގައި ފެންނަނީ ރާއްޖޭގެ ޗުއްޓީ ދަތުރު ފެށުނު ހިސާބުން، އެ މީހުން ޗުއްޓީ ހޭދަކުރި ސަން ސިޔާމު އިރުވެލި ރިސޯޓްގައި ހޭދަކުރި ދުވަސްތަކުގެ ބައެއް މަންޒަރުތަކެވެ. ހާއްސަކޮށް އަނަންޔާ ނަގާފައިވާ އިޝާންގެ ވީޑިއޯތެކެވެ.
ދަތުރުގެ ޑައިރީއެއްގެ ގޮތުގައި އިޝާން ވީޑިއޯ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނެފައި ވަނީ މިއީ އޭނާގެ އައިފޯން 12 ޕްރޯ އިން ނަގާފައިވާ މަންޒަރުތަކެއް ކަމަށާއި ވީޑިއޯ އެޑިޓްކޮށްފައި ވަނީ އަމިއްލަ އަށް ކަމަށެވެ. އަދި އޭގައި އަނަންޔާ ނެގި ވީޑިއޯތައް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އަނަންޔާ އަކީ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިއެކެވެ. އިޝާނާއި އަނަންޔާ ޗުއްޓީ ހޭދަކުރަން ރާއްޖެ އައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ވެސް އަރާފައި ވަނިކޮށެވެ. މިދިޔަ އަހަރު ރިލީޒްކުރި "ކާލީ ޕީލީ" އަކީ ދެ ތަރިން އެކީގައި ކުޅުނު ފިލްމެކެވެ.
އަނަންޔާ އާއި އިޝާންގެ ރާއްޖޭގެ ޗުއްޓީ ދަތުރުގެ ވަރަށް ގިނަ މަންޒަރުތައް އެ މީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާސޫ
08 January 2021
އަނަންޔާ މުމްބައި އެއާރ ޕޯރޓުން ރާއްޖެ އަންނަން ފުރި ހިސާބުން އެނބުރި މުމްބައިއަށް ދިޔަ ހިސާބަށް ނަގާފައިވާ ބައެއް ފޮޓޯ މަށަށްވެސް އިނިސްޓެގްރާމުން ލިބުނު. އޭނަ ރާއްޖެ އައިދުވަހާ ޖެހިގެން އައިދުވަހު ހިންދީބަހުން ޅެމަކުން ރާއްޖެއައުމުންވީ އިހްސާސުވެސް ލިޔުނު.