29 ޖެނުއަރީ 2021 - 07:34
ބޮލީވުޑްގެ ބަތަލާއިން ފިލްމުތަކުގެ ލަވަތަކުގައި އައިޓަމް ގާލްގެ ގޮތުގައި ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އެކްޓަރުން އައިޓަމް ބޯއީގެ ގޮތުގައި ޕްރޮމޯޓްކުރުމަކީ ވަރަށް ނުފެންނަ ކަމެކެވެ. ނަމަވެސް މަޝްހޫރު އެކްޓަރު އާމިރު ޚާން މިހާރު ހުރީ އައިޓަމް ބޯއިއަކަށްވާން ތައްޔާރަށެވެ.
އޭނާ މަސައްކަތް ފަށާފައި އޮތް "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިންގެ އެއްވެސް މަސައްކަތެއް މި ދުވަސްވަރު ކުރިއަށް ނުދާތީ ގާތް ރައްޓެއްސެއް ކަމަށްވާ އެކްޓަރު އަމީން ހާޖީގެ އަލަތު ޑައިރެކްޝަންގެ "އައިޓަމް ލަވައެއް" ކުޅެން އާމިރު މިހާރު ވަނީ އެއްބަސްވެފަ އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެވެ. ފިލްމުގެ ލީޑް ތަރިންނަކީ އަމީރާ ދާސްތޫރާއި ކުނާލް ކަޕޫރެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އާމިރުގެ 2001 ގެ "ލަގާން" އާއި 2005 ގެ "މަންގަލް ޕާންޑޭ: ދަ ރައިޒިން" ގެ ރޯލުތަކެއް ކުޅުނު އަމީންގެ ފިލްމަށް އާމިރު އެއްބަސްވި ލަވައިގެ ޝޫޓިން އަށް ފެށޭ ހަފުތާގެ ތެރޭގައި އޭނާ ޖޭޕޫރަށް ދާނެ އެވެ. އެތަނުގައި ލަވައިގެ މަންޒަރުތައް ނަގަން ހިތްގައިމު ބޮޑު ސެޓެއް ވެސް ހަދާފައިވާ ކަމަށާއި ލަވައިގައި އާމިރާ އެކު ބަތަލާ އެލީ އަވްރަމް ވެސް ގެނިގެންދާނެ ކަމަށް ހަންގާމާ އިން ބުންޏެވެ.
މި ލަވައިގެ ނެށުން ތައްޔާރުކޮށް ދެނީ އެތައް ފިލްމެއްގެ ލަވަތަކުގެ ކޮރިއޯ ހަދާފައިވާ ބޮސްކޯ-ސީޒާ އެވެ.
ހަންގާމާ އިން ބުނީ އަމީންގެ ފިލްމުގެ "އައިޓަމް ލަވައެއް" ކުޅެދޭން އާމިރު އެއްބަސްވީ ދެ މީހުންގެ މެދުގައި އޮންނަ ގާތްކަމާއި ފިލްމުގެ ޕްލޮޓް އާމިރާ ހިއްސާކުރުމުން އެއާ ދޭތެރޭ ވެސް ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ.
އާމިރުގެ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭނެ ފިލްމެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy