"އަންތިމް" އަށް ސަލްމާން ޝޫޓްކުރީ 30-35 ވަރަކަށް ދުވަހު
04 ފެބުރުއަރީ 2021 - 07:50
މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޝޫޓިން 60 ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި އާޔޫޝްއާ އެކު ޝޫޓިން ފެށި ނަމަވެސް ސަލްމާން ކްރޫއާ ގުޅުނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ ވަނީ "އަންތިމް" އަށް 30-35 ވަރަކަށް ދުވަހު ޝޫޓްކޮށްފަ އެވެ. އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްރާ ފިލްމުވެގެން މި ދިޔައީ ސަލްމާންގެ އެންމެ އަވަހަށް ޝޫޓިން ނިމުނު ފިލްމަށެވެ.
ޑިސެމްބަރު މަހުގެ ފަހުކޮޅު ޓީޒާއެއް ވެސް ދައްކާލާފައިވާ "އަންތިމް" ގައި ސަލްމާން ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ. މި ފިލްމުގެ ފެންނާނީ ފުލުހަކާއި ގޭންގްސްޓާރެއްގެ ވަރުގަދަ ކުރިމަތިލުންތަކެވެ.
ދެހާސް އަށާރައިގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ގެނެސްދޭ "އަންތިމް" ގެ ޝޫޓިން ނިންމައިލި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައިކަން ފިލްމުގެ ޓީމުން އަދިވެސް އުޅެނީ ސިއްރުކޮށްގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެންނަނީ އިންޑިއާގެ ދެކުނުގެ ބަތަލާ ޕްރަގިއާ ޖައިސްވާލް އެވެ.
"އަންތިމް" ގެ ޝޫޓިން ނިމިފައިވާތީ ސަލްމާން ދެން ވަގުތު ހުސްކުރާނީ އޭނާ ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކަށެވެ. އެގޮތުން ޝާހްރުކް ޚާން ކުޅޭ "ޕަތާން" ގެ ކުރިއަށް އޮތް ޝޫޓިން ޝެޑިއުލް ޔޫއޭއީގައި ކުރިއަށް ގެންދާ އިރު ސަލްމާން އޭގައި ބައިވެރިވާނެ އެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގައި ސަލްމާން ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕަތާން" ގެ ޔޫއޭއީގެ ދެވަނަ ޝެޑިއުލް މި މަހުގެ 15 ހިސާބުގައި ފަށާ އިރު، އެންމެ އުސް އިމާރާތް ބުރުޖް ޚަލީފާގައި ނަގާ މަންޒަރުތަކާ އެކު ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝޫޓްކުރާ އިރު ޝާހްރުކާއި ފިލްމުގެ ވިލަން ޖޯން އަބްރަހަމާ އެކު ސަލްމާން ބައިވެރިވާނެ އެވެ. މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޕަތާން" އަށް ވަގުތު ދިނުމަށް ސަލްމާން މާޗްގައި އެ ސްޓޫޑިއޯގެ ފްރެންޗައިޒް "ޓައިގާ 3" ގެ މަސައްކަތް ފަށާނެ އެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.
ސަލްމާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އަންތިމް" ގެ ޝޫޓިން ނިންމައިލި ނަމަވެސް އެ ފިލްމު ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި އަހަރު ފިލްމު ގެނެސްދޭނެ އެވެ.
މި އަހަރު ރިލީޒްކުރާނެ ސަލްމާންގެ ފުރަތަމަ ފިލްމަކީ ފިތުރު އީދުގައި ގެނެސްދޭ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy