ޝޯގެ ގަދަ 5 އަކީ ރުބީނާ، ރާހުލް، ނިކީ، އަލީ އަދި ރާކީ
15 ފެބުރުއަރީ 2021 - 10:08
ކަލާޒުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދައްކަން ފެށި ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގެ ފިނާލޭ މި މަހުގެ 21 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އޮކްޓޯބަރު 3 ގައި ދައްކަން ފެށި ޝޯގެ ނިމުމަކާ ގާތަށް އައި އިރު މިހާރު ޝޯގައި ތިބީ ފަސް ބައިވެރިންނެވެ. އެއީ ރުބީނާ ދިލައިކާއި ރާހުލް ވައިދިއާ އާއި ނިކީ ތަމްލޯބީ އާއި ރާކީ ސާވަންތުގެ އިތުރުން އަލީ ގޯނީ އެވެ.
ޝޯ އިން އެންމެ ފަހުން ކެޓީ ކުރިން މި ފަހަރުގެ ސީޒަންގައި ވާދަކުރަމުން ދިޔަ އިޖާޒް ޚާންގެ ޕްރޮކްސީގެ ގޮތުގައި ޝޯ އަށް ދިޔަ ޑެވޮލީނާ ބަޓަޗަރްޖީ އެވެ. އޭނާ ޝޯ އިން ކެޓީ އާދީއްތަ ދުވަހުގެ ރޭގަ އެވެ.
ރުބީނާ ފިޔަވައި "ބިގް ބޮސް 14" ގައި މިހާރު ތިބި ބައިވެރިންނަށް ބަލާއިރު ނިކީ އަކީ މި ފަހަރުގެ ސީޒަންގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ކަޓައިގެން ގޮސްފައި ވަނިކޮށް ދެވަނަ ފުރުސަތެއް ލިބުނު ބައިވެރިއެކެވެ.
އޮރިޖިނަލް ބައިވެރިންގެ ތެރެއިން ރާހުލް އަކީ އަމިއްލަ އަށް ޝޯ ދޫކޮށްލުމަށް ފަހު، އަނެއްކާ އަމިއްލަ އަށް އެދިގެން ޝޯއިން ފުރުސަތު ހޯދި ބައިވެރިއެކެވެ. އަލީ އަކީ ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބިފައި ވަނިކޮށް ފަހުން ކަޓައިގެން ދިއުމުން ކުރިން ޝޯގައި ވާދަކުރި ޖޭސްމީން ބަސީން ތާއީދުކޮށްދޭ ބައިވެރިއެއްގެ ގޮތުގައި ގެއަށް ވަދެ، ފައި ވިއްދާލި ބައިވެރިއެކެވެ.
ރާކީ އަކީ މި ފަހަރުގެ ސީޒަނުން ޗެލެންޖާޒްގެ ގޮތުގައި ފުރުސަތު ލިބުނު ހަ ބައިވެރިންގެ ތެރެއިން ގަދަ 5 އާ ހަމައަށް ދަތުރުކުރި ހަމައެކަނި ބައިވެރިޔާ އެވެ.
ރުބީނާ އަކީ މި ފަހަރު ސީޒަން ފެށީއްސުރެ ދެ ގޮތެއް ނުވެ ފިނާލޭއާ ހަމައަށް ދަތުރުކުރި ހަަމައެކަނި ބައިވެރިޔާ އެވެ. އޭނާ "ބިގް ބޮސް 14" ގައި ބައިވެރިވީ ފިރިމީހާ އަބިނާވް ޝުކްލާއާ ވެސް އެކީގަ އެވެ. ނަމަވެސް މީގެ ދެ ހަފުތާ ކުރިން އޭނާ ވަނީ ކަޓައިފަ އެވެ.
ބިގް ބޮސް ބަލާ ގިނަ ބަޔަކު ބުނާ ގޮތުން މި ފަހަރުގެ ސީޒަން ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ރުބީނާ އެވެ. އޭނާ އަށް ޝޯގެ ޓްރޮފީ ހިއްލައިލުމުގެ ޝަރަފު ލިބެން ޖެހޭ ކަމަށް ގަބޫލުކުރެވޭ އެއް ސަބަބަކީ ރުބީނާ ނޫނީ ސީޒަން ފެށި ގޮތަށް އެއް ވާނެއްގައި ހިފަހައްޓާލި ބައިވެރިޔަކު މިހާރު ނެތުމެވެ.
ކަލާޒް ޗެނެކުން ހަފުތާގެ ހުރިހާ ރެއެއްގައި ގެނެސްދެމުން އަންނަ "ބިގް ބޮސް 14" މި މަހުގެ 21 ގައި ނިންމައިލާ އިރު، ޝޯގެ ހޯސްޓް ސަލްމާން ޚާން ވަނީ އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްގައި ޝޯގެ ޓްރޮފީ ވެސް ދައްކާލައިފަ އެވެ.
މި ޝޯ ނިންމައިލުމަށް ފަހު މި މަހުގެ 26 ގައި ކަލާޒުން ފަށާނެ އާ ޝޯ އަކީ "ޑާންސް ދިވާނޭ" ގެ ތިން ވަނަ ސީޒަނެވެ.
ސަލްމާން ބުނި ގޮތުގައި "ބިގް ބޮސް 14" ނިންމައިލާތާ އަށެއްކަ މަސް ފަހުން ޝޯގެ 15 ސީޒަން ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެހެންވެ ބިގް ބޮސްގެ އަހުލުވެރިން ދެން އިންތިޒާރުކުރަން ޖެހެނީ މި އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy