ކަބީރް ބޭދީ.
24 ފެބުރުއަރީ 2021 - 07:43
އިންޑިއާގެ ވަރުގަދަ ފިލްމީ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެކްޓަރު ކަބީރް ބޭދީގެ އޮޓޮބައޮގްރީ އަންނަ އެޕްރީލް މަހު ނެރެން ނިންމައިފި އެވެ.
އުމުރުން 75 އަހަރުގެ އެކްޓަރުގެ ބައޮގްރަފީގެ ނަމަކީ "ސްޓޯރީޒް އައި މަސްޓް ޓެލް: ދި އިމޯޝަނަލް ޖާނީ އޮފް އޭން އެކްޓާ" އެވެ. ކަބީރް ބުނީ އޭނާގެ ބައޮގްރަފީ ވަރަށް ސީދާކޮށް ކިޔައިދީފައިވާނެ ކަމަށާއި ހަޔާތުގެ ހުރިހާ ވާހަތަކެއް ވަރަށް ހާމަކަން ބޮޑުކޮށް ހުންނާނެ ކަމަށެވެ.
ކަބީރް ބުނި ގޮތުގައި ފިލްމީ ކެރިއަރާއި އަމިއްލަ ޒާތީ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ބައޮގްރަފީގައި ކިޔައިދޭނީ އުނިއިތުރުނުކޮށް ވަރަށް ހާމަކޮށެވެ. ކަބީރަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ބައްޕަ އަދި މިދިޔަ އަހަރު ފިލްމު "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް ބަތަލާ އަލާޔާ ފަރްނީޗަރުވާލާގެ ކާފަ އެވެ.
ކަބީރަކީ އިންޑިއާގެ ސިނަމާގެ އިތުރުން އިންޓަނޭޝަނަލް ގިނަ ޕްރޮޖެކްޓަތެއްގައި ވެސް މަސައްކަތްކޮށްފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހިންދީ ފިލްމަކީ 1988 ގައި ރޭކާއާ އެކު ކުޅުނު "ޚޫން ބާރީ މާންގް" އެވެ. އޭގެ އިތުރުން 2005 ގެ "ތާޖު މަހަލް: އޭން އިޓާނަލް ލަވް ސްޓޯރީ" އަކީ ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަބީރްގެ ފިލްމެކެވެ.
އޭނާ އެންމެ ފަހުން ފެނިފައިވާ ބޮލީވުޑް ފިލްމަކީ 2018 ގެ "ސާހިބު ބީވީ އޯރު ގޭންގްސްޓާ 3" އެވެ.
ކަބީރްގެ ކެރިއަރުގައި މަސައްކަތްކުރި އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގެ ތެރޭގައި 1983 ގައި ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ 13 ވަނަ ފިލްމު "އޮކްޓޮޕުސީ" ހިމެނެ އެވެ. އަދި އޭނާ ކުޅުނު ބޭރުގެ ސިލްސިލާތަކުގެ ތެރޭގައި "ދަ ބޯލްޑް އެންޑް ބިއުޓިފުލް" އާއި "ޑައިނާސްޓީ" އާއި "ހައިލޭންޑާ" އަދި "މާޑާ ޝީ ރޯޓް" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.
މިހާތަނަށް ތިން ކައިވެނިކުރި ކަބީރް މިހާރުގެ އަންހެނުންނަކީ އިނގިރޭސިވިލާތަށް އުފަން ޕަރުވީން ދުސާނީ، 45، އެވެ.
ކަބީރްގެ ބައޮގްރަފީ އެޕްރީލްގައި ނެރެން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީރާ
24 February 2021
ހާދަ ޒުވާން ވެފަ ރީއްޗޭ އަދިވެސް!