ޖޫހީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "އެކް ލަޅުކީ ކޮ ދޭކާ ތޮ އޭސާ ލަގާ"
11 މާޗް 2021 - 08:02
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ވެބް ސީރީޒަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނުނު ޖޫހީ ފެންނާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ ސީރީޒަކުންނެވެ. އޭގެ ވޯކިން ޓައިޓްލް އަކީ "ހުޝް ހުޝް" އެވެ.
ވަރުގަދަ އަންހެން ކާސްޓަކާ އެކު އަންހެނުންގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒުން ފެންނާނެ ތަރިންގެ ތެރޭގައި ކުރީގެ ބަތަލާ އައިޝާ ޖުލްކާ އާއި ސައިފް އަލީ ޚާންގެ ކޮއްކޮ ސޯހާ އަލީ ޚާނާއި ޝަހާނާ ގޮސްވާމީ އާއި ޓީވީ ބަތަލާއިން ކަމަށްވާ ކަރިޝްމާ ތައްނާ އަދި ކްރިތިކާ ކަމްރާ އެވެ.
"ހަޝް ހަޝް" އަކީ ކުރިން ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ އަންހެން ޑައިރެކްޓަރު ތަނޫޖާ ޗަންދުރާ ކްރިއޭޓިވް ޑައިރެކްޓަރެއް އަދި އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހުރެގެން ހަދާ އެއްޗެކެވެ. އޭނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސަންގަޝް" އާއި ކާޖޮލްގެ "ދުޝްމަން" ހިމެނެ އެވެ. ތަނޫނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު މަރުވެފައިވާ އެކްޓަރު އިރުފާން ޚާން 2017 ގައި ފެނުނު "ގާރިބް ގާރިބް ސިންގަލް" އެވެ.
އެކިއެކި ޑައިރެކްޓަރުން އެޕިސޯޑްތައް ޑައިރެކްޓްކުރާ "ހުޝް ހުޝް" އަކީ މިދިޔަ އަހަތު ރިލިޒްކުރި އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ދީޕިކާ ޕަދްކީންގެ "ޕީކޫ" ގެ އިތުރުން ވަރުން ދަވަންގެ "އޮކްޓޯބަރު" ގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީގެ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ.
މީޑިއާތަކުން ބުނިގޮތުގައި "ހުޝް ހުޝް" ގެ ޕްރޮޑަކްޝަން ޓީމްގެ ހުރިހާ މަސައްކަތެއްގައިގެން ހިއްސާވަނީ މުޅިން ވެސް އަންހެނުންނެވެ.
ވެބް ސީރީޒަކަށް ޖޫހީ ސޮއިކުރި އިރު އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2019 ގެ "އެކް ލަޅުކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. މިހާރު 53 އަހަރުގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ "ޝަރުމާޖީ ނަމްކީން" އެވެ.
ބަތަލާ މަދޫރީ ޑިކްސިޓް ވެސް ނެޓްފްލިކްސްގެ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" އިން ވަރަށް އަވަހަށް ފެނިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy