ޖޯން.
20 މާޗް 2021 - 08:49
އެވޯޑް ހަފުލާތަކަށް ދިއުން ޗަރުކޭހަކަށް ގޮސް ޖޯކަރުހެދުމާ އެއްފަދަ ކަމަށާއި ފިލްމީ އެވޯޑްތަކަކީ އެއް އިރެއްގައި ވެސް ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ބުނެފި އެވެ.
އިއްޔެ ރިލީޒްކުރި "މުމްބާއީ ސާގާ" އެކްޓަރު އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ އެވޯޑަކީ އެއް އިރެއްގައި ވެސް ޝައުގުވެރިކަން ދޭ އަދި ސަމާލުކަން ވެސް ދޭ ކަމެއް ނޫން ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ކަމެއް ނޫން އެވޯޑް ހަފުލާތަކަށް ގޮސް ސްޓޭޖްމަތީގައި ނަށާފައި ޖޯކަރު ހެދިގެން ހެވިފައި ހުރެގެން އެވޯޑްތަކާ ހަވާލުވުމަކީ،" އިންޑިއާގެ ފިލްމީ އެވޯޑްތަކުގައި އިންސާފެއް ނޯންނަ ކަމަށް އިޝާރާތްކޮށް ޖޯން ބުންޏެވެ. "އެކަން އަހަރެން ކުރާ ނަމަ އެއީ އަމިއްލަ ނަފުސަށް ވެސް ކުރެވޭ މަލާމާތެއް."
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އާމިރު ޚާނާއި ކަންގަނާ ރަނާވަތު އަދި އަޖޭ ދޭގްވަން ފަދަ ތަރިންނަކީ ވެސް އެވޯޑް ހަފުލާތަކާ އަބަދު ވެސް ބީރައްޓެހި ބައެކެވެ. އަދި ބޮލީވުޑްގައި ދެވޭ ޕޮޕިއުލާ ގިނަ އެވޯޑްތަކަކީ ފަންނާނުން ލޮބީކޮށްގެން ފެވަރިޓިޒަމްގެ ތެރެއިން ހޯދާ އެއްޗެހި ކަމަށް އަބަދު ވެސް ތުހުމަތުކުރެވެ އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ހިމެނޭ ޖޯން ބުނި ގޮތުގައި އެވޯޑް ޝޯތައް ބަލާ މީހުންނަށް އެފަދަ ހަފުލާތައް ކިތަންމެ ޗާލުވެފައި، ބަލާލަން ކަމުދިޔަސް ފަރުދާހުގެ ފުރަގަހުގައި ކަންކަން ހިނގާ ގޮތަށް ބަލާ އިރު އެވޯޑް ހަފުލާތަކަށް ދިއުމާއި އެވޯޑް ހަފުލާތައް ބެލުމަކީ ވެސް ބޭކާރުކަމެކެވެ.
"ފަހަރުގައި މިކަމުގައި އަހަންނާ ހިޔާލު ތަފާތުވާ ބަޔަކު ވެސް ތިބެދާނެ. އެކަމަކު އަހަރެން އަބަދު ވެސް އަހަރެން އެވޯޑް ހަފުލާތަކަށް ބުނާނީ ނޫނެކޭ،" ޖޯން ބުންޏެވެ.
އޭނާ ބުނިގޮތުގައި ފިލްމުތައް ގެނެސްދެނީ ބެލުންތެރިންނަށް ކަމަށްވާތީ އެ މީހުންގެ ރުހުމާއި ލޯބި ފިލްމުތަކަށް ލިބުމުން ފުދޭނެ އެވެ. އެހެންވެ އެއް އިރެއްގައި ވެސް އެވޯޑެއް ހޯދުމުގެ ބޭނުމުގައި ފިލްމެއް ނުކުޅޭ ކަމަށާއި އިސްކަން ދެނީ އަބަދު ވެސް ކުޅޭ ފިލްމުތަކުގައި ރަނގަޅަށް މަސައްކަތްކުރަން ކަމަށް ބުންޏެވެ.
"އަހަންނަށް އަބަދު ވެސް އޮންނަ ޔަގީން ކަމަކީ ފިލްމެއް ރަނގަޅުވެއްޖެ ނަމަ ބެލުންތެރިން އެ ފިލްމެއް ގަބޫލުކުރާނެކަން. އެކްޓަރެއްގެ ހައިސިއްޔަތުން އެވަރު އަހަނަށް ފުދޭ." ޖޯން ބުންޏެވެ.
ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަތިޔަމޭވް ޖަޔަތޭ 2" އާއި "އެޓޭކް" އާއި "ސަރުދާރު ކާ ގްރޭންޑްސަން" އާއި "އޭކް ވިލަން ރިޓާންސް" އަދި "ޕަތާން" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy