"މައިދާން" ގެ ޑައިރެކްޓަތު އަމިތާ އެކު އަޖޭ ސެޓްގައި.
29 މާޗް 2021 - 08:17
މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ތާވަލުކޮށްފައިވާ ފިލްމު "މައިދާން" އަކީ މުޅި އިންޑިއާ ފަހުރުވެރިވާނެ ފިލްމެއް ކަމަށާއި އެ ފިލްމަކީ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގައި ވެސް ރަން މުތަކަށް ވާނެ ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނެފި އެވެ.
އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ޕިންކްވިލާގެ "ދަ ނަމްބާ ގޭމް"ގައި ވާހަކަ ދައްކަމުން ބޯނީ ބުނީ "މައިދާން" އަކީ ވަރަށް މޮޅު އަދި އެހާމެ ޝައުގުވެރި ފިލްމަކަށް ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. މި ފިލްމަކީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ފިލްމެކެވެ. ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަޝްހޫރުވި ސައީދުގެ ރޯލު ފިލްމުގައިި ކުޅެނީ އަޖޭ އެވެ.
"މައިދާން" ގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ. އަދި މި ފިލްމަކީ ބޯނީގެ ފިލްމެއްގައި އޭނާ މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ދަރިފުޅު އަރުޖުން ކަޕޫރް ހިމަނައިގެން ބޯނީ ޕްރޮޑިއުސްކުރި 2015 ގެ ފިލްމު "ތޭވަރު" ގެ ޑައިރެކްޓަރަކީ ވެސް އަމިތެވެ.
އޭނާގެ މަސައްކަތްތަކަށް ތައުރީފުކުރަމުން ބޯނީ ބުނީ އަމިތަކީ މި ވަގުތު އިންޑިއާގައި ތިބި އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި "މައިދާން" އަށް އޭނާ ކުރާ މަސައްކަތްތައް ފެނިފައި އަންތަރީސްވާ ކަމަށް ބުންޏެވެ.
"އަހަންނަށް ހަމަ ވަރަށް ޔަގީން މި ފިލްމުވާނީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް ވަރަށް މޮޅު ފިލްމެއްގެ ގޮތުގައި ލިޔެވޭނެ ފިލްމަކަށް. އަދި މި ފިލްމު ރިލީޒްކޮށް، ބެލުންތެރިންނަށް ބަލާލަން ލިބުނު އިރަކުން މައިދާންވާނީ މުޅި އިންޑިއާ ފަހަރުވެރިވާ ވަރުގެ ފިލްމަކަށް." ބޯނީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ފިލްމަކީ އަޖޭގެ ފިލްމީ ކެރިއަރު ވެސް އާ ހަރުފަތަކަށް ގެންގޮސްދޭނެ ފިލްމެކެވެ.
"އަޖޭ އަށް އެކަންޏެއް ނޫން މުޅި މައިދާންގެ ޓީމަށް ވެސް މިއީ ރަންމުތެއް ކަހަލަ ފިލްމަކަށް ވާނީ." ބޯނީ ބުންޏެވެ.
"މައިދާން" އަކީ ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ހުރަސްތަކާ އެކު އެކަން ނުވުމުން މިހާރު ފިލްމު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮކްޓޯބަރު 15 އަށެވެ. ބޯނީ ބުނީ ފިލްމުގެ ޝޫޓިން އަދިވެސް އެއްކޮށް ނުނިމޭ ކަމަށާއި ގާތްގަނޑަށް 30-35 ދުވަހުގެ މަސައްކަތް އަދި ބާކީ އެބައޮތް ކަމަށެވެ.
"އޭގެ ތެރޭގައި މުޅިން ވެސް ހުރީ މެޗްތަކެއްގެ މަންޒަރުތައް. އުންމީދަކީ މެއި މަސް ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލުން." ބޯނީ ބުންޏެވެ.
ފިލްމު ރިލީޒްކުރާ ތާރީހު ދުރާލައި އިއުލާންކޮށްފައި ވަނިކޮށް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ދެ ދުވަސް ކުރިން އޮކްޓޯބަރު 13 ގައި ގެނެސްދޭން ނިންމާފައިވާތީ އެކަމަށް ބޯނީ ކުރިއެކޭ އެއްގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
"އެއީ ވަރަށް އަންއެތިކަލް ނިންމުމެއް. ކުރުކޮށް ސިފަކުރަންޏާ އެއީ ފަހަތުން އައިސް ބުރަކައްޓަށް ވަޅި ހަރާލުން ކަހަލަ ކަމެއް،" އޭނާ ބުންޏެވެ. "އާރްއާރްއާރްގެ ޓީމުގެ އެ ނިންމުމަކީ އަހަރެން ކަށްވަޅަށް ދާންދެން ވެސް ހަނދާނުގައި ބަހައްޓާނެ ކަމެއް."
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" އަކީ ކާސްޓްގައި އަޖޭ ވެސް ހިމެނޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2021
29 March 2021
ފަޅައިގެން ގޮސްފަހުރި ޖިންސްލީމަތަ ތިރީތިވީއެސޮރު
ރީތި
29 March 2021
ފިލްމުގެ ޑިރެކްޓަރ ހާދަ ރީއްޗޭ! މާ ސަޅި އަޖޭ އަށް ވުރެން!