އަމީތާބް.
31 މާޗް 2021 - 08:20
ޑައިރެކްޓަރު ވިކާސް ބާލްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ނަމަކީ "ޑެޑްލީ" ނޫންކަން އަމީތާބް ބައްޗަން ކަށަވަރުކޮށް ދީފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ ވެސް މުހިއްމު ރޯލެއް ކުޅޭ ތުރިލާގެ ނަމަކީ "ޑެޑްލީ" އެވެ. ނަމަވެސް އަމީތާބް އެ ފިލްމާ ބެހޭ ގޮތުން ބްލޮގްގައި ހިއްސާކޮށްފައިވާ ބައެއް ވާހަކަތަކަށް ބަލާ އިރު އޭގެ ނަމަކަށް ކިޔާފައި ވަނީ "ގުޑްބާއި" އެވެ.
ދާދި ފަހުން ލޮލުގެ އޮޕަރޭޝަނެއް ވެސް ކުރި 78 އަހަރުގެ އެކްޓަރު ބުނި ގޮތުގައި މިހާރު ލޯ އެއްކޮށް ރަނގަޅުވަމުން އަންނަ އިރު ފިލްމުގެ ޝޫޓިން ފަށަންވާ އިރަށް އެއްކޮށް ފަސޭހަވާނެ އެވެ. ޕިންކްވިލާ އިން ބުނިގޮތުގައި "ގުޑްބާއި" ގެ ޝޫޓިން އަންނަ މަހުގެ 5 ނުވަތަ 6 ގައި ފަށާނެ އެވެ.
އެގޮތުން ފިލްމުގެ މަންޒަރުތައް ނަގަން މުމްބާއީގެ ސްޓޫޑިއޯއެއްގައި މިހާރު ސެޓް ވެސް ހަދައި ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުންޏެވެ. މި ފިލްމަކީ އެކްތާ ކަޕޫރްގެ ބާލާޖީ އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
"ގުޑްބާއި" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު އަމީތާބަކީ ޝޫޓިން ފަށާފައި އޮތް އަޖޭ ދޭވްގަންގެ ތިން ވަނަ ޑައިރެކްޝަން "މޭޑޭ" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ. އެ ފިލްމުގެ ދެ ޝޫޓިން ޝެޑިއުލެއް މިހާރު ނިންމާފައިވާ އިރު ދެން އޮތީ ފަހު ޝެޑިއުލެވެ. އަންނަ މަހުގެ 9 ގައި އަމީތާބްގެ "ޗެހެރޭ" ސިނަމާތަކަށް އަންނަ އިރު، އޭނާގެ "ޖުންދު" ޖޫން 18 ގައި ރިލީޒްކުރާނެ އެވެ. އަދި "ބުރައްމަސްތުރާ" އަކީ ވެސް މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
އަމީތާބް ވަނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. ސެޕްޓެމްބަރުގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ އެ ފިލްމުގެ ނަމަކީ "އޫޗާއީ" އެވެ.
"ގުޑްބާއި" އަކީ 2019 ގައި ރިތިކް ރޯޝަނާ އެކު ގެނެސްދިން "ސުޕަ 30" އަށް ފަހު ވިކާސް ހަދާ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމަށް ފަހު އޭނާ ދެން މަސައްކަތް ފަށާނީ ޓައިގާ ޝްރޮފާއި ކްރިތީ ސެނަންއާ އެކު ހަދާ "ގަންޕަތު" ގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy