ސަލްމާން، ރާމް ޗަރަން އަދި ޝަންކަރް.
09 އެޕްރީލް 2021 - 08:28
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންއާ އެކު، ތަމަޅަ ޑައިރެކްޓަރު ޝަންކަރް ދާދި ފަހުން އިއުލާންކުރި ފިލްމުގެ ރޯލަކަށް ބޮލީވުޑްގެ އެކްޓަރު ސަލްމާން ގެންދަން މަސައްކަތް ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގައި ޝަހުސިއްޔަތު ވަރަށް ވަރުގަދަ، ސީރިއަސް ފުލުހެއްގެ ކެރެކްޓާއެއް ދައްކުވައިދޭން ޖެހޭތީ އެ ރޯލަށް ގެންނަން ބޭނުން ވަނީ ސަލްމާން ކަހަލަ ވަރުގަދަ އެކްޓަރެކެވެ. އެހެންވެ އޭނާ ފިލްމަށް އެއްބަސްކުރެވޭތޯ ޝަންކަރާއި އޭނާގެ ޓީމް ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޝަންކަރަކީ އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިިލްމަކީ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވިލަންއެއްގެ ރޯލު ކުޅުނު ރަޖްނީކާންތުގެ 2018 ގެ ސައިންސް ފިކްޝަން ފިލްމު "2.0" އެވެ.
ޝަންކަރްގެ އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ކަމަލް ހަސަނާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ "އިންޑިއަން 2" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސަލްމާން ޝަންކަރްގެ ފިލްމަށް އެއްބަސްވެއްޖެ ނަމަ އެ ފިލްމަށް އޭނާ 25-30 ވަރަކަށް ދުވަސް ދޭން ޖެހޭނެ އެވެ. ސުވާލަކީ ސަލްމާން ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކެއް މި ވަގުތު ހުރުމާ އެކު، ސަޕޯޓިން ރޯލެއް ކުޅެން ވަގުތު ހުސްކޮށްފާނެތޯ އެވެ؟ ފަހަރުގައި އެ ފިލްމުން ލިބެން އޮތް އަގަށް ބަލާފައި ސަލްމާން ފިލްމަށް އެއްބަސްވުމަކީ ވެސް ވެދާނެ ކަމެކެވެ.
އޭނާ މި ވަގުތު "ޓައިގާ 3" ގެ މަސައްކަތްކުރަމުން އަންނަ އިރު "ކަބީ އީދު ކަބީ ދިވާލީ" އާއި "ކިކް 2" އާއި ޝާހްރުކް ޚާންގެ "ޕަތާން" ގެ ކެމިއޯ އަކީ ވެސް ވަގުތު ދޭން ޖެހޭ ފިލްމުތަކެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ތަމަޅަ ފިލްމު "މާސްޓާ" ގެ ހިންދީ ރިމޭކް ވެސް ސަލްމާނަށް ހުށަހަޅާފައިވެ އެވެ.
ރާމް ޗަރަންއާ އެކު ޝަންކަރް ހަދަން ނިންމާފައިވާ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ. ޗަރަންގެ ކުރިއަށް އޮތް އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އެވެ.
ރިޕޯޓްތައް ބުނާގޮތުން ރާމް ޗަރަންއާ އެކު ހަދާ ފިލްމަށް ފަހު، ޝަންކަރް ދެން ހަދާނީ ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy