ޓްރިޕްތީ.
13 އެޕްރީލް 2021 - 10:21
މިދިޔަ އަހަރު ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޑައިރެކްޓަރު ޝަރަން ޝަރުމާގެ ދެވަނަ ފިލްމުގައި ބަތަލު ކާތިކް އާރިޔަންއާ އެކު ބަތަލާގެ ރޯލު ކުޅޭނީ ޓްރިޕްތީ ދިމްތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކާތިކް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅޭނެ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. ނަމަވެސް ޝަރަންގެ ދެވަނަ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ. އެކަމަކު އެ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ވާހަކަ މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށް ބުނެފައި ވަނީ ފިލްމަށް ބަތަލާ އަކު ވެސް ހޯދަމުން އަންނަ ކަމަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާ ގޮތުން ކާތިކްގެ ފިލްމަށް މިހާރު ވަނީ ޓްރިޕްތީ، 27، ހަމަޖައްސއިފަ އެވެ. މި ފުރުސަތު އޭނާ އަށް ލިބުނީ ކަރަންގެ ދަރުމާ އާއި ބަންޓީ ސަންޖޭގެ ކޯންސްޓޯން ގުޅިގެން ދާދި ފަހުން ދަރުމާ ކޯންސްޓޯންގެ ނަމުގައި ޓެލެންޓް އެޖެންސީއެއް އުފައްދައި، އޭގެ ދަށުން ކުރިއަރުވަން އިއުލާންކުރި ތަރިންގެ ތެރޭގައި ވެސް ޓްރިޕްތީ ހިމެނިފައި ވަނިކޮށެވެ.
އަރަމުން އަންނަ އުންމީދީ ބަތަލާ އަކީ 2018 ގެ "ލައިލާ މަޖުނޫ" އިން ތައާރަފުވި ފަންނާނެކެވެ. ޓްރިޕްތީ އަށް އާންމުންގެ ސަމާލުކަން ލިބުނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ސުޕަނެޗްރަލް ތުރިލާ "ބުލްބުލް" އިންނެވެ. އޭނާ މިހާރު އަންނަނީ އެ ފިލްމުގެ ޑައިރެކްޓަރު އަންވިތާ ދަތުގެ "ޤަލާ" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމަކީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ލޯންޗްކުރާ ފިލްމެވެ.
ރިޕޯޓްތައް ބުނާގޮތުން ރަންބީރް ކަޕޫރާ އެކު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދަން ނިންމާފައިވާ "އެނިމަލް" އިން ވެސް ޓްރިޕްތީ އަށް ފުރުސަތު ލިބިފައިވެ އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި ކާތިކްއާ އެކު ޓްރިޕްތީ ކުޅޭ ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy