19 އެޕްރީލް 2021 - 08:26
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޖުލައި މަހު ގެނެސްދޭން ނިންމާފައި އޮތް ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ޖުލައި 30 ގަ އެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯހުން ގޯހަށް ދާތީ އެހާ ތަނަށް ވެސް ހަމަޖެހިލައިގެން ފިލްމު ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެހެންވެ ފިލްމު ދެން ލަސްކުރެވެން ވެސް ނެތުމާއި އެހެން ޕްރޮޖެކްޓަތެއް ރޭވިފައި ހުރުމުން "ގަންގޫބާއީ" އިން އަތް ދޫކޮށްލައި އާ މަސައްކަތްތަކަކަށް ހުސްވުމަކީ ވެސް ބަންސާލީ ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެކެވެ.
ކޮވިޑްގެ ހާލަތާ މިދިޔަ އަހަރު ކުރިމަތިލާން ނުޖެހުނު ނަމަ މި ފލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރާނެ ފިލްމެކެވެ. ކޮވިޑާ ހެދި "ގަންގޫބާއީ" އަށް މިހާރު ވެސް އެތައް ވަގުތަކާއި އެތަކެއް ހަރަދެއް ހިނގައްޖެ އެވެ.
މީޑިއާތަކުން ބުނީ ފިލްމު ޑިޖިޓަލްކޮށް ޕްރިމިއާކުރުމަކީ ބަންސާލީ އެންމެ ބޭނުން ގޮތް ކަމަށް ނުވިޔަސް، ހާލަތު އޮތް ގޮތުން، "ގަންގޫބާއީ" ބެލުންތެރިންނަށް ބަލަން ލިބޭނީ ސްޓްރީމުން ޕްލެޓްފޯމަކުން ބެލެވޭ ކަމަށެވެ. އަދި އެކަމަކުގެ މަޝްވަރާތައް ކުރިއަށްދާ އިރު، ބަންސާލީ އެންމެ ބޭނުންވާ ވަރުގެ ހުށަހެޅުމަކާ ވެސް އަދި ލައްވައިނުލާ ކަމަށް ބުންޏެވެ.
"ގަންގޫބާއީ" ޑިޖިޓަލްކޮށް ޕްރިމިއާކުރުން ވާނީ ބަންސާލީގެ ފިލްމެއް ބޮޑު ސްކްރީނުގައި ރިލީޒްނުކުރާ ފުރަތަމަ ފަހަރަށެވެ. އަނެއްކޮޅުން އޭނާގެ ފިލްމުތަކަކީ އަބަދު ވެސް ބެލުންތެރިން ވަރަށް ގަޔާވާ ފިލްމުތަކަކަށްވާތީ ސްކްރީނުން ފިލްމު ބަލައިލަން ނުލިބުމަކީ، ބަންސާލީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސީއަކަށްވާނެ އެވެ.
ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމި، ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް "ގަންގޫބާއީ" އަކީ އާލިއާ ބަޓް ޓައިޓްލް ރޯލުން ފެންނާނެ ފިލްމެކެވެ. މީގެ ކާސްޓްގައި ޝަންތަނޫ މަހޭޝްވަރީ، ސީމާ ޕަހްވާ އަދި ވިޖޭ ރާޒް ހިމެނެ އެވެ. ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަން، އިމްރާން ހާޝްމީ އަދި ހުމާ ގްރޭޝީ ފެންނާނެ އެވެ.
"ގަންގޫބާއީ" ފަހު ބަންސާލީ ގެނެސްދޭނެ ދެ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ އޭނާ ޑައިރެކްޓްކުރާ "ބައިޖޫ ބަވްރާ" އާއި ޕްރޮޑިއުސްކުރާ ވެބް ސީރީޒް "ހީރާ މަންޑީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy