ހާޑީ އަދި ޕަރިނީތީ.
22 އެޕްރީލް 2021 - 07:59
ދާދި ފަހުން ގެނެސްދިން ޕަރިނީތީ ޗޯޕްރާގެ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާގެ އާ ފިލްމަކަށް ޕަރިނީތީ ސޮއިކޮށް، އޭގެ ޝޫޓިން ފަށައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. އަދި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ތުރުކީގަ އެވެ. މި ފިލްމުގައި ޕަރިނީތީގެ ބަތަލަކީ ލަވަކިޔުންތެރިޔާ/އެކްޓަރު ހަރުދަވިންދަރު ސިންގް ސަންދޫ (ހާޑީ ސަންދޫ) އެވެ.
ޕަންޖާބީ ފަންނާނެއްގެ ގޮތުގައި މަޝްހޫރު ހާޑީގެ ކުރިއަށް އޮތް ހުރި ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ހިމެނެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ޕަރިނީތީ އާއި ހާޑީގެ ފިލްމަކީ ރިލަޔަންސް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. އަދި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ.
ޕަރިނީތީގެ ތިން ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ ފެބްރުއަރީގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި "ދަ ގާލް އޮން ދަ ޓްރެއިން" ގެ އިތުރުން "ސަންދީޕް އޯރް ޕިންކީ ފަރާރު" އަދި "ސައިނާ" އެވެ.
ޕަރިނީތީ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރްގެ "އެނިމަލް" އާއި ވަރުން ދަވަންގެ "ސާންކީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy