26 އެޕްރީލް 2021 - 09:04
އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ "ޚުރާފީ" ވާހަކަ މަހާބާރާތުގައި ހިމެނޭ ކެރެކްޓާ ކަރްނާ އަށް ބިނާކޮށް ހަދާ ފިލްމަކަށް ޝާހިދު ކަޕޫރް ސޮއިކޮށްފި އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި ބޮޑު ބަޖެޓަކުން ހަދާ މި މެގްނަމް އޯޕަސް "ކަރްނާ" އަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ ފިލްމެކެވެ. މެހެރާގެ މި ފިލްމަށް ޝާހިދު ސޮއިކޮށްފައި މި ވަނީ އެ ދެ މީހުން ޕްރޮޖެކްޓަކަށް ވާހަކަ ދައްކާތާ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.
މެހެރާ އަކީ "ރަންގް ދެ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ސްޕޯޓްސް ޑްރާމާ "ތޫފާން" އެވެ. އެއީ ފަރުހާން އަޚްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ ފިލްމެކެވެ.
ޕިންކްވިލާ އިން ބުނީ "ކަރްނާ" ގެ ސްކްރީންޕްލޭ ލިޔަނީ މެހެރާ އާއި ލިޔުންތެރިޔާ އާނަންދު ނީލަކަންތަން ގުޅިގެން ކަމަށެވެ. ނީލަންކަންތަން އަކީ ޚުރާފީ ވާހަކަތައް ކަމަށްވާ "އަސުރާ" އާއި "އަޖާޔާ" އަދި "ވަނާރާ" ގެ ލިޔުންތެރިޔާ އެވެ.
އުންމީދީ ބޮޑު ފިލްމެއްގެ ގޮތުގައި ހަދާ "ކަރްނާ" ސިނަމާތަކަށް ގެންނާނީ 2023 ގަ އެވެ.
"ކަރްނާ" ގެ ނަމުގައި މެހެރާ ފިލްމެއް ހަދަން ނިންމިއިރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އާއި ދަރިފުޅު ޖެކީ ބަގްނާނީ ވަނީ "ސޫރިޔަޕުތުރާ މަހާވީރު ކަރްނާ" ކިޔާ ފިލްމެއް އިއުލާންކޮށް އޭގެ މޯޝަން ޕޯސްޓަރު ވެސް ފެބްރުއަރީ މަހު ދައްކާލައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު ރަންވީރު ސިންގް އަށް ހުށަހަޅާފައިވެ އެވެ.
މެހެރާގެ "ކަރްނާ" އަށް ޝާހިދު ސޮއިކުރިއިރު އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ނޮވެމްބަރު 5 އަށް ތާވަލުކޮށްފައި އޮތް ކްރިކެޓް ފިލްމު "ޖާޒީ" އެވެ. ޝާހިދު މިހާރު ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ޔޯދާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy