02 މެއި 2021 - 08:51
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން ބަދަލުކުރަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ނަން ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ ކަމަށެެވެ. ނަން ބަދަލުކުރަން ނިންމި ސަބަބެއް ކަމަށް ވަނީ ނަމާއި ދީންތަކާ ގުޅުވައިގެން މައްސަލަ ނުކުމެދާނެތީ އެވެ. އީދަކީ މުސްލިމުން ފާހަގަކުރާ ދުވަހަށް ވެފައި ދިވާލީ އަކީ ހިންދޫންގެ މުނާސަބަތަކަށް ވާތީ މިގޮތަށް ވިސްނީ އެވެ.
އެހެންވެ "ކަބީ އީދު ކަބި އީދު ކަބީ ދިވާލީ" ކިޔައިގެން ފިލްމު ގެނެސްދޭން އުޅެފި ނަމަ، ނަމުގެ މައްސަލާގައި ދީނީ ގްރޫޕްތަކުން ވެސް ނުކުމެދާނެ ކަމަށް ބަލައި، ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ނަން ބަދަލުކުރަން ނިންމީ އެވެ. އިންޑިއާ އަކީ އަބަދު ވެސް ފިލްމީ ކަންކަމާ ގުޅުވައިގެން މައްސަލަތައް ނުކުތުން ބޮޑު ގައުމެކެވެ.
މީޑިއާތަކުން ބުނީ ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމަށް ކިޔާނެ އާ ނަމަކާ ބެހޭ މަޝްވަރާތައް ކުރިއަށްދާ އިރު، މިހާރު ގިނަ ނަންތަކެއް ޝޯޓްލިސްޓް ވެސް ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އާ ނަން އިއުލާންކުރާނެ ކަމަށް ބުންޏެވެ.
މި ފިލްމުގެ ބަތަލާ އަކީ ސަލްމާނާ އެކު އަލަށް މަސައްކަތްކުރާ ޕޫޖާ ހެގްޅޭ އެވެ. އަދި ސަލްމާންގެ ކޮއްކޮއިންގެ ރޯލުން ޅިޔަނު އާޔޫޝް ޝަރުމާ އާއި ޒަހީރު އިގްބާލް ވެސް ފިލްމު ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާންގެ "ޓައިގާ 3" ގެ ޝޫޓިން ފަށާފައިވާ އިރު، ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ ފަރުހާދުގެ މި ފިލްމެވެ. މިއީ ސަލްމާނާއި ފަރުހާދު އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
ފަރުހާދު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ހައުސްފުލް 4" އެވެ. އަދި މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ އަކްޝޭ ކުމާރާ އެކު "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ނިންމާލައިފަ އެވެ.
ސަލްމާންގެ "ރާދޭ" މި މަހުގެ 13 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނާ އާއި އާޔޫޝް އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "އަންތިމް" އަކީ ޝޫޓިން ނިންމާފައި އޮތް ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy