ފިތުރު އީދުގައި ފިލްމުތައް ރިލީޒްކުރަން އަބަދު ވެސް ހާއްސަ ސަމާލުކަމެއް ދޭ ސަލްމާން ޚާން އަންނަ އަހަރުގެ ފިތުރު އީދަށް ވެސް ފިލްމެއް އިއުލާންކޮށްފި އެވެ.

މި އަހަރުގެ ފިތުރު އީދުގައި "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެނެސްދޭ އެކްޓަރު އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ކަބީ އީދު ކަބީ ދިވާލީ" އެވެ. މިކަން ސަލްމާން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވާ އިރު، މި ފިލްމުގެ ޕްރޮޑިއުސަރަކީ އޭނާގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެވެ.

"ކަބީ އީދު ކަބީ ދިވާލީ" އަކީ ސާޖިދުގެ ވާހަކައަކަށް ފަރުހާދު ސަމްޖީ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ ސާޖިދު ޕްރޮޑިއުސްކޮށް މިދިޔަ އޮކްޓޯބަރު މަހު ގެނެސްދިން "ހައުސްފުލް 4" ގެ ވެސް ޑައިރެކްޓަރެވެ.

ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އޭގެ ބަތަލާ އަކީ ކާކުކަން އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމުވެގެން ދާނީ ފަރުހާދު ޑައިރެކްޓްކުރާ ފިލްމެއް ސަލްމާން ކުޅޭ ފުރަތަމަ ފަހަރަށެވެ.

ފަރުހާދުގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ކްރިތީ ސެނަންއާ އެކު މި އަހަރު ގެނެސްދޭ "ބައްޗަން ޕާންޑޭ" އެވެ.

ސާޖިދު ޕްރޮޑިއުސްކުރާ އާ ފިލްމަކުން ސަލްމާން އަންނަ އަހަރު ބެލުންތެރިންނާ ބައްދަލުކުރާ ގޮތަށް ނިންމި އިރު، ސާޖިދު ޑައިރެކްޓްކޮށް، ސަލްމާން ލީޑް ރޯލް ކުޅޭ "ކިކް 2" އަކީ ވެސް ކުރިއަށް އޮތް ފިލްމެކެވެ. އެކަމަކު އެ ފިލްމު ގެނެސްދޭނެ އިރެއް މިހާތަނަށް ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. އެ ފިލްމަކީ ސާޖިދު 2014 ގައި ޑައިރެކްޝަނަށް ނުކުތް "ކިކް" ގެ ދެވަނަ ބައެވެ.

ސަލްމާން މިދިޔަ އަހަރުގެ ފިތުރު އީދުގައި ގެނެސްދިން ފިލްމަކީ "ބާރަތު" އެވެ. މި އަހަރުގެ ފިތުރު އީދުގައި އޭނާ ގެނެސްދޭ "ރާދޭ" އަކީ ޕްރަދޫބޭވާ ޑައިރެކްޓްކޮށް، ޑިޝާ ޕަޓްނީ ބަތަލާގެ ރޯލް ކުޅޭ ފިލްމެކެވެ.