ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ އެންމެ އިތުބާރުކުރެވޭ އަދި ގިނަ ދުވަސްވީ ބޮޑީގާޑު ގުރުމީތު ސިންގު (ޝޭރާ)ގެ ދަރިފުޅު އަބީރު ސިންގު ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފިލްމްފެއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބީރު ބޮލީވުޑަށް ތައާރަފު ވާނީ "ތާޒަން" ކިޔާ ފިލްމަކުންނެވެ. އެ ފިލްމުގައި އަބީރާ އެކު އެކްޓަރު ސޫރަޖް ޕަންޗޯލީ ވެސް ފެންނާނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމާއި ޕްރޮޑަކްޝަން ހައުސްގެ އިތުރު ތަފްސީލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އަބީރު ފިލްމީ ދާއިރާއަށް ނެރުމުގެ ވާހަކަތަކެއް 2022 ވަނަ އަހަރު ވެސް ދެކެވުނެވެ.

އެ ދުވަސްވަރު ރިޕޯޓުތައް ބުނި ގޮތުގައި، ސަލްމާން އިސްނަގައިގެން އަބީރު ލޯންޗުކުރުމަށް ފިލްމެއް ތައްޔާރުކުރި އެވެ. އެ ފިލްމު ޑައިރެކްޓްކުރުމަށް ހަވާލުކުރީ އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކޯޝިކްއާ އެވެ. ނަމަވެސް 2023 ގައި ސަތީޝް މަރުވުމާ އެކު، އެ ފިލްމުގެ މަސައްކަތްތައް މަޑުޖައްސާލީ އެވެ. 

މި އާ ފިލްމު "ތާޒަން" ޕްރޮޑިއުސްކުރަނީ ސަލްމާން ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ސަލްމާން ވަނީ މީގެ ކުރިން ވެސް ބޮލީވުޑަށް ގިނަ އާ މޫނުތަކެއް ތައާރަފުކޮށްދީފަ އެވެ. އޭގެ ތެރޭގައި ސޫރަޖް ޕަންޗޯލީ އާއި ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގުބާލް އަދި އާޔުޝް ޝަރުމާ ހިމެނެ އެވެ.