ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން.
20 ޖޫން 2025 - 14:23
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ޕްރިމިއާ އިވެންޓުގައި ސަލްމާން ޚާންގެ ސެކިއުރިޓީއަށް ހުރަސްއަޅަން މީހަކު އުޅެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސަލްމާނަށް މިފަހުން ވަރަށް ގިނައިން މަރުގެ އިންޒާރުތައް ލިބިފައި ވާތީ އިއްޔެ ބޭއްވި "ސިތާރޭ ޒަމީން ޕަރް"ގެ ޕްރިމިއާއަށް އޭނާ ދިޔައީ ވަރަށް ބޮޑު ސެކިއުރިޓީއަކާ އެކުގަ އެވެ.
ޕްރިމިއާ އިވެންޓު ނިންމައިފައި ސަލްމާން ނުކުންނަނިކޮށް އޭނާއާ ދިމާލަށް މީހަކު ވަރަށް ބާރަށް ދާން އުޅުމުން ސެކިއުރިޓީ އޮފިސަރުން ވަނީ އެ މީހާ ހުއްޓުވައިފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނީ އިންޑިއާގެ ނުރައްކާތެރި ގޭންގު ސްޓާރެއް ކަމަށްވާ ލޯރެންސް ބިޝޯނީ 2018 ވަނަ އަހަރު ޖޯދުޕޫރުގެ ކޯޓަކަށް ހާޒިރުކުރުމުން ސަލްމާން މަރާލާނެ ކަމަށް ކޯޓުގައި ހުރެ އިންޒާރު ދިނުމުންނެވެ.
އެއީ، ފިލްމު "ހަމް ސާތު ސާތު ހޭ"ގެ މަންޒަރުތަކެއް ނަގަން 1998 ވަނަ އަހަރު ސަލްމާނާއި އެ ފިލްމުގެ ކުރޫ ޖޯދުޕޫރުގެ ޖަންގަލީގައި ހޭދަކުރި ދުވަސްތަކުގައި އިންޑިއާގައި ހިމާޔަތްކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ޗިންކާރާތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލާގަ އެވެ.
ސަލްމާނާ ވަރަށް ގާތް ގުޅުމެއް ބޭއްވި އިންޑިއާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ބާބާ ސިއްދިގީގެ ގަޔަށް ބަޑިޖަހައި މިދިޔަ އަހަރު އެޕްރީލް މަހުގައި ވަނީ އަވަހާރަކޮށްލައިފަ އެވެ. އެ މަރުގެ ޒިންމާ ވެސް ނެގީ ބިޝޯނީގެ ގޭންގުންނެވެ.
އޭގެ ފަހުން، އެ ގޭންގުން ދަނީ ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންނެވެ. އެހެންވެ، ސަލްމާންގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy