ބޮލީވުޑްގެ ތަރި އާމިރު ހާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމް ކުރަން ފަށާ ތާރީހު އިއްޔެ އިއުލާނުކޮށްފި އެވެ.

އެ ފިލްމު ސްޓްރީމް ކުރަނީ އަންނަ މަހު ތިނަކުން ފެށިގެން "ސޮނީ ލިވް" އިންނެވެ.

"ސިތާރޭ ޒަމީން ޕަރު"އަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި ފިލްމެކެވެ.

މީގެ ކުރިން އާމިރު ބުނެފައި ވަނީ އެ ފިލްމު އެއްވެސް ސްޓްރީމިން ޕްލެޓްފޯމެއްގައި ރިލީޒް ނުކުރާނެ ކަމަށާއި ސިނަމާއަށް ފަހު ފިލްމު ދައްކާނީ ޔޫޓިއުބްގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު، 100 ރުޕީސްގެ ފީއެއް ދައްކައިގެން ޔޫޓިއުބުން އެ ފިލްމު ބެލޭ ގޮތް ވެސް ހެދި އެވެ. ނަމަވެސް، މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، އެ ފިލްމު ސްޓްރީމް ކުރަން ސޮނީ ލިވްއާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.

އާރު. އެސް ޕްރަސަންނާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ 2007 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރް"އާ ގުޅުންހުރި ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ ބާސްކެޓްބޯޅަ ކޯޗަކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކަކަށް އެ ކުޅިވަރު ދަސްކޮށްދޭން ކުރާ މަސައްކަތެވެ. 

އެ ފިލްމުން އާމިރުގެ އިތުރުން ޖެނީލިއާ ދޭޝްމުކް ވެސް މުހިންމު ރޯލަކުން ފެނެ އެވެ.

"ސިތާރޭ ޒަމީން ޕަރު" ވަނީ ބޮކްސް އޮފީހުގައި 265 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.