އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާންގެ އާ ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ. 

އަސަރުގަދަ ލޯބީގެ ވާހަކައަކަށް އާމިރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "އޭކް ދިން"ގެ ލީޑު ރޯލުތައް ކުޅެނީ ޖުނައިދުގެ އިތުރުން ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓްރެސް ސައި ޕައްލަވީ އެވެ.

މިއީ ސައި ޕައްލަވީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އަދި މިއީ އާމިރު އާއި މަންސޫރު ހާން ގިނަ ދުވަސްތަކަކަށް ފަހު އެކުގައި މަސައްކަތްކުރާ ފިލްމެކެވެ.

އެ ޓްރެއިލާ ފެށެނީ ޖުނައިދުގެ ކެރެކްޓާ މީހަކާ ވާހަކަދައްކާ މަންޒަރަކުންނެވެ. އެ މަންޒަރުގައި، ސުނޯއިން ފުރިފައިވާ ހިތްގައިމު ސަރަހައްދެއްގައި ހުރި ރަނގަބީލަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖުނައިދު ބުނަނީ އެއީ "ނަސީބުގެ ރަނގަބީލު" ކަމަށާއި، ދުނިޔޭގެ އެކި ތަންތަނުގައި، މާޔޫސްވެފައި ތިބި ލޯބިވެރިން އެމީހުންގެ ނަސީބު ބަދަލުކުރުމަށް އެ ރަނގަބީލު ޖަހާ ކަމަށެވެ.

ޖުނައިދު އެ ރަނގަބީލު ޖަހައިފައި އެދެނީ އޭނާ ލޯބިވާ މީރާ (ސައި ޕައްލަވީ)އާ އެކު، އެންމެ ދުވަހަކު ނަމަވެސް އެކުގައި އުޅުމުގެ ފުރުސަތަކަށެވެ. 

އެ ޓްރެއިލާގައި ޖުނައިދު އާއި ސައި ޕައްލަވީ ޖަޕާނުގެ ހިތްގައިމު ސަރަހައްދުތަކުގައި ވަގުތު ހޭދަކުރާތަން ފެނެ އެވެ. އެމީހުންގެ މެދުގައި އުފެދޭ ގާތްކަމާއި ލޯބީގެ މަޖާ މަންޒަރުތައް ފެންނައިރު، ވަކި ހިސާބަކުން އެމީހުންގެ މެދުގައި ނުތަނަސްކަމެއް އުފެދެ އެވެ.

ސުނިލް ޕާންޑޭ ޑައިރެކްޓުކުރާ މި ފިލްމަކީ 2016 ވަނަ އަހަރު ނެރުނު ތައިލެންޑްގެ މަޝްހޫރު ފިލްމު "ވަން ޑޭ"ގެ ރިމޭކްއެކެވެ.

"އޭކް ދިން" ޕްރިމިއާކުރަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.