އާމިރު ހާން ޕްރޮޑަކްޝަންސްގެ ކުރިއަށް އޮތް ފިލްމު "ލާހޯރު 1947" ރިލީޒްކުރާ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ، ސަނީ ޑިއޯލް ލީޑް ރޯލު ކުޅޭ އެ ފިލްމު ސިނަމާތަކުގައި އަޅުވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އަންނަ އޮގަސްޓް މަހު 13 ގަ އެވެ.
ސަނީއާ އެކު އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޕްރިތީ ޒިންތާ އާއި ޝަބާނާ އަޒްމީ އަދި ސަނީގެ ދަރިފުޅު ކަރަން ޑިއޯލް އެވެ.
މިއީ ސަނީ އާއި އާމިރު އަދި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ކުރީގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގަޔާލް" އާއި "ގާތަކް" އަދި "ދާމިނީ" އަށް ފަހު ސަނީ އާއި ރާޖްކުމާރު ސަންތޯޝީ އެކުގައި މަސައްކަތްކުރާ ވަރުގަދަ ފިލްމެކެވެ.
"ލާހޯރު 1947" އަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ލެޖެންޑަރީ މިއުޒީޝަން އޭ އާރު ރަހްމާން އެވެ.
އާމިރު ހާމަކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓަކީ މިދިޔަ ޑިސެމްބަރު މަހު މަރުވި ސަނީގެ ބައްޕަ އަދި ބޮލީވުޑްގެ ލެޖެންޑް ދަރުމެންދުރައަށް ވަރަށް ކަމުދިޔަ ސްކްރިޕްޓެކެވެ. ދަރުމެންދުރަ މަރުވުމުގެ ކުރިން، މަސައްކަތްތައް އެއްކޮށް ނިމިފައިވާ މި ފިލްމު ބަލާލުމުގެ ފުރުސަތު އޭނާއަށް ލިބިފައި ވާތީ އުފާކުރާ ކަމަށް ވެސް އާމިރު ބުނެފައިވެ އެވެ.
ސަނީ ބުނެފައި ވަނީ މި ފިލްމުގެ ޝޫޓިން ނިމި އެތައް ދުވަހެއް ވެފައި ވިޔަސް، ފިލްމު ރިލީޒްކުރުން ލަސްވީ އާމިރުގެ "ޕާފެކްޝަނިޒަމް" ނުވަތަ ކަންކަން އެންމެ ފުރިހަމައަށް ކުރަން އޭނާ ބޭނުންވާތީ ކަމަށެވެ. ފިލްމުގެ އެޑިޓިން އާއި އެހެނިހެން މަސައްކަތްތައް އާމިރު ބޭނުންވަނީ ވަގުތު ނަގައިގެން އެންމެ ފުރިހަމައަށް ނިންމަން ކަމަށް ސަނީ ބުންޏެވެ.
"ލާހޯރު 1947" ބިނާކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޕްރޮފެސަރު އަސްގަރް ވަޖާހަތު 1989 ވަނަ އަހަރު ލިޔުނު ކާމިޔާބު ތަމްސީލު (ޕްލޭ) "ޖިސް ލާހޯރު ނައީ ވޭކިޔާ، އޯ ޖަމްޔާ އެ ނައީ" އަށެވެ. އޭގެ މާނައަކީ ލާހޯރު ނުދެކޭ މީހަކީ އަދި އުފަންވި މީހެއް ނޫނެވެ.
އެއީ، 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު ހިނގާފައިވާ ވަރަށް އަސަރުގަދަ، އިންސާނީ ކަރާމާތާ ގުޅޭ ވާހަކައެކެވެ. މި ވާހަކައިގެ މައިގަނޑު ހާދިސާ ބިނާ ވަނީ އިންޑިއާގެ ލަކްނޯ އިން ޕާކިސްތާނުގެ ލާހޯރަށް ހިޖުރަކުރާ މުސްލިމް އާއިލާއެއްގެ މައްޗަށެވެ.