ބޮލީވުޑްގެ ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ބޯޑާ 2" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށައިފި އެވެ.
ޖޭޕީ ދައްތާގެ މަޝްހޫރު ފިލްމު "ބޯޑާ"ގެ ސީކުއަލްއެއްގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ގެނެސްދިން މި ފިލްމު މިއަދުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެކަން އިއުލާންކުރީ އިއްޔެ އެވެ.
ނެޓްފްލިކްސް އިންޑިއާ އިން އެކަން އިއުލާންކޮށް އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި މި ފިލްމުގެ މަޝްހޫރު ލަވަ "ސަންދޭޝޭ އާތޭ ހޭ"ގެ އާ ވާޝަން "ގަރް ކަބް އާއޯގޭ" ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ.
މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ސަނީ ޑިއޯލް އާއި ވަރުން ދަވަން އާއި ދިލްޖީތު ދޯސާންޖު އަދި އަހާން ޝެޓީ އެވެ.
މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 400 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ބޯޑާ 2"އަކީ 1971 ގައި ހިނގި އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އިންޑިއާގެ ސިފައިންގެ ތިން ލަޝްކަރު (އާމީ، ނޭވީ އަދި އެއާ ފޯސް)ގެ މަސައްކަތްތައް ދައްކަ އެވެ.
މި ފިލްމަކީ "ފައިޓާ" އާއި "އޫރީ" ކަހަލަ ފިލްމުތަކުގެ ރެކޯޑްތައް މުގުރާލައި، އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހަނގުރާމަ މަތީ ފިލްމުގެ ޝަރަފު ވެސް ހޯދާފައިވާ ފިލްމެވެ.
މީގެ 27 އަހަރު ކުރިން ގެނެސްދިން "ބޯޑާ"ގެ ފުރަތަމަ ފިލްމަކީ އޭރު ނުކުތް ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖޭޕީ ދައްތާ ޑައިރެކްޓުކޮށް 1997 ވަނަ އަހަރު ގެނެސްދިން "ބޯޑާ"ގެ ލީޑު ރޯލު ވެސް ކުޅުނީ ސަނީ އެވެ.
"ބޯޑާ 2" ޑައިރެކްޓުކުރީ އަނޫރާގް ސިންގެވެ. އޭނާއަކީ "ދިލް ބޯލޭ ހަޑިއްޕަ" އާއި "ޖެޓް އެންޑް ޖޫލިއެޓް" އާއި "ޕަންޖާބް 1984" އަދި "ކިސާރީ" ކަހަލަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.