"ބޯޑާ 2"ގެ ޕްރޮޑަކްޝަން ޓީމާއެކު، ފިލްމުގެ ލީޑު ކާސްޓުގައި ހިމެނޭ ތަރިން.
18 ޖޫން 2025 - 08:14
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2"ގެ ވަރުގަދަ ކާސްޓު އިއްޔެ ދައްކާލައިފި އެވެ.
"ބޯޑާ 2" އުފައްދާ ޓީ-ސީރީޒް އާއި ޖޭޕީ ފިލްމްސް އިން އިއްޔެ ވަނީ އެ ފިލްމުގެ ލީޑު ކާސްޓު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ ފިލްމުގެ ޝޫޓިންގައި ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ޕްރޮޑަކްޝަން ޓީމާއެކު، މި ފިލްމުގެ އެންމެ މުހިންމު ރޯލުތައް ކުޅޭނެ ހަތަރު އެކްޓަރުންނެވެ. އެއީ ސަނީ ޑިއޯލް އާއި ވަރުން ދާވަން އާއި އަހާން ޝެޓީގެ އަދި ދިލްޖީތު ދޮސަންޖެވެ.
ބޮލީވުޑްގެ ކުރީގެ ފިލްމު "ބޯޑާ"ގެ ދެވަނަ ބައެއް ނުކުންނާނެ ކަމަށް އަޑުފެތުރިފައި ވާތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އެ ފިލްމަކީ މީގެ 27 އަހަރު ކުރިން ބޮލީވުޑްގައި އެޅުވި ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އޭރު އެންމެ ކާމިޔާބު އެއް ފިލްމެވެ.
ޖޭޕީ ދައްތާ ޑައިރެކްޓުކޮށް 1997 ވަނަ އަހަރު ގެނެސްދިން "ބޯޑާ"ގެ ލީޑު ރޯލު ކުޅުނީ ސަނީ އެވެ. އަދި ދެވަނަ ފިލްމުގައި ވެސް ލީޑު ރޯލު ކުޅެނީ ސަނީ އެވެ. އެކަމަކު، ކާސްޓުގައި ދެން ތިބޭނީ މުޅިން އާ އެކްޓަރުންނެވެ.
"ބޯޑާ 2" ޑައިރެކްޓްކުރަނީ އަނޫރާގް ސިންގެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ބޫޝާން ކުމާރު، ކްރިޝާން ކުމާރު، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ހިމެނެ އެވެ.
ފިލްމު "ދިލް ބޯލޭ ހަޑިއްޕަ" އާއި "ޖެޓް އެންޑް ޖޫލިއެޓް" އާއި "ޕަންޖާބް 1984" އަދި "ކިސާރީ" ކަހަލަ ފިލްމުތަކަކީ އަނޫރާގްގެ ޑައިރެކްޝަނެވެ.
ސަނީ އެންމެފަހުން ފެނުނީ މިދިޔަ އެޕްރީލް މަހު ނެރުނު "ޖާޓް" އިންނެވެ. އޭގެ ކުރިން، އަނިލް ޝަރްމާ ޑައިރެކްޓުކޮށް 2023 ވަނަ އަހަރު ގެނެސްދިން "ގަދަރު 2" އިންނެވެ. "ގަދަރް 2" އަކީ 2001 ވަނަ އަހަރު ނެރުނު ފިލްމެއްގެ ސީކުއެލްއެކެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައި 2023 ވަނަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 450 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފަ އެވެ.
"ބޯޑާ 2" ރިލީޒްކުރަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އަންނަ އަހަރު ޖެނުއަރީ 26 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބައި
18 June 2025
ސަނީގެ އެންމެ ފަހުގެ ފިލްމަކީ "ޖާޓް" ކިޔާ ފިލުމެއް