އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ހާދިސާތަކަށް ބިނާކޮށް އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމު "ބަޓްވާރާ 1947"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލިތާ އެއް ދުވަސް ފަހުން ނެރުނު އެ ޓީޒާއިން ފެންނަނީ އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ އެންމެ އަނދިރި އަދި އަސަރުގަދަ ދުވަސްތަކުގެ ކުޑަ މަންޒަރެކެވެ.

އެ ޓީޒާ ފެށެނީ ފިލްމުގެ ޕްރޮޑިއުސަރު އާމިރުގެ އަސަރުގަދަ އަޑަކުންނެވެ. އޭނާގެ ބަސްތަކުން ކިޔައިދެނީ އިންޑިއާއަށް މިނިވަންކަން ލިބުމުން ކުރެވުނު އުފާވެރި އިހުސާސްތަކާއި، ގައުމު ބައިބައިވުމުގެ ސަބަބުން ހިތަށް ކުރިމަތިވި ބިރުވެރިކަމާއި ހިތާމަ ވެރިވެގެންދިޔަ ގޮތުގެ ވާހަކަ އެވެ.

އެ ޓީޒާގައި އެންމެ ފާހަގަކޮށްލެވޭ ބަޔަކީ ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ މަންޒަރެވެ. ހަމަނުޖެހުންތަކެއްގެ ތެރެއިން ސަނީ ފެންނައިރު، އޭނާ ބުނާ ވަރުގަދަ ޑައިލޮގެއް ޓީޒާގައި ހިމެނެ އެވެ. މީހަކު އޭނާގެ ގާތުގައި "ތަޅާފޮޅުމަކަށް ތައްޔާރުހޭ؟" އެހުމުން ސަނީ ޖަވާބުދެނީ "އެކަހަލަ ވިސްނުމެއް ނެތް، އެކަމަކު އެކަމާ ދެކޮޅެއް ވެސް ނޫން" ކަމަށެވެ. 

ޓީޒާއިން ފިލްމުގެ މުޅި ވާހަކަ ސާފުނުވި ނަމަވެސް، އެ ދުވަސްވަރު އިންޑިއާގެ އާންމުން އުފުލި ތަކުލީފުތަކާއި ބިރުވެރިކަމާއި ހާސްކަން ދައްކައިދެ އެވެ.

މި ފިލްމަކީ އިންޑިއާގެ ގައުމީ އެވޯޑު ހާސިލްކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ގާތްގަނޑަކަށް 30 އަހަރަށް ފަހު ރާޖްކުމާރު އާއި ސަނީ ޑިއޯލް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން މި ދެ ފެންނާނުން ވަނީ "ގާޔަލް"، "ދާމިނީ" އަދި "ގާތަކް" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފަ އެވެ.

"ބަޓްވާރާ 1947"ގައި ސަނީއާ އެކު މުހިންމު ރޯލުތައް ކުޅެނީ ޝަބާނާ އަޒްމީ، ޕްރިތީ ޒިންތާ، ކަރަން ޑިއޯލް، އަލީ ފަޒަލް އަދި އަބިމަންޔޫ ސިންގެވެ. 

މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ފަހު ޕްރިތީ ވެސް ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމެވެ. 

އާމިރު ޚާން ޕްރޮޑަކްޝަންސް އާއި އަޕަރްނާ ޕުރޯހިތު ގުޅިގެން އުފައްދާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އޭއާރު ރަހުމާނެވެ. އަދި ލަވަތަކުގެ ޅެން ހަދާފައި ވަނީ ޖާވިދު އަޚްތަރެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އަންނަ އޯގަސްޓް މަހު 14 ގަ އެވެ.