އަމިއްލަ ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޯޕިކް ފިލްމެއް ދުވަހަކު ވެސް އުފައްދައިގެން ނުވާނެ ކަމަށާއި އޭނާގެ ހަޔާތުގެ ވާހަކަތައް ދާނީ އޭނާއާ އެކު ކަށްވަޅަށް ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ބުނެފި އެވެ.
ސަލްމާން އެހެން ބުނީ ކަރަން ޖޯހަރު ހޯސްޓްކުރާ މަގުބޫލު ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ ސީޒަން ނުވައެއްގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ.
އެ އެޕިސޯޑުގެ ރެޕިޑް-ފަޔާ ސެގްމެންޓުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވި އެކްޓްރެސް ކަރިޝްމާ ކަޕޫރު ވަނީ ސަލްމާންގެ ބަޔޯޕިކް ފިލްމެއް ހަދާނަމަ ޑައިރެކްޓްކުރާނީ ކާކުތޯ ސުވާލުކޮށް، ކަބީރު ޚާން، ޑޭވިޑް ދަވަން، ސޫރަޖް ބަރްޖާތިޔާ އަދި ސަންޖޭ ލީލާ ބަންސާލީގެ ނަންތައް އޮޕްޝަންގެ ގޮތުގައި ދީފަ އެވެ.
އެ ސުވާލަށް ޖަވާބުދެމުން ސަލްމާން ބުނީ އޭނާގެ ހަޔާތުގެ މައްޗަށް ކޮމެޑީއެއް ހަދާނަމަ ޑޭވިޑް ދަވަން، އަސަރުގަދަ ލޯބީގެ ވާހަކައެއްނަމަ ސަންޖޭ ލީލާ ބަންސާލީ، އާއިލީ ލޯބީގެ ފިލްމެއް ނަމަ ސޫރަޖް ބަރްޖާތިޔާ، އަދި އެކްޝަން އާއި ހާދިސާތަކުގެ މައްޗަށް ބިނާކުރާ ނަމަ ކަބީރު ޚާން އިހުތިޔާރުކުރާނެ ކަމަށެވެ.
ނަމަވެސް، އެކަން ސާފުކޮށްދެމުން ސަލްމާން ބުނީ "މައި ލައިފް ވިލް ގޯ ޓު މައި ގްރޭވް" (އަހަރެންގެ ހަޔާތުގެ ވާހަކަތައް ދާނީ އަހަންނާ އެކު ކަށްވަޅަށް) ކަމަށާއި، އޭނާގެ ބަޔޯޕިކް ފިލްމެއް ދުވަހަކު ވެސް ނުހެދޭނެ ކަމަށެވެ.
މީގެ އިތުރުން، އެ އެޕިސޯޑުގައި ސަލްމާން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ކާވެނި ނުކޮށް ހުރި ސަބަބުތަކާއި ފިލްމީ މަސައްކަތްތަކުގެ ތެރެއިން ލިބުނު އަނިޔާތަކާ ގުޅޭ ގޮތުން ވެސް ފުޅާކޮށް ވާހަކަދައްކައިފަ އެވެ.