07 މެއި 2021 - 10:00
މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ރާދޭ" އިން ލިބޭ އާމްދަނީ ކޮވިޑް-19އާ ދެކޮޅަށް އިންޑިއާ ކުރާ މަސައްކަތްތައް އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.
މި ގޮތަށް ނިންމާފައި ވަނީ އެ ފިލްމު ގެނެސްދޭ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފް އާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ. ދެ ސްޓޫޑިއޯ އިން ވެސް ބުނީ ގައުމު މި ވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ކޮވިޑާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްްކޮށްގެން ނޫނީ ސަލާމަތެއް ނެތް ކަމަށެވެ. އެހެންވެ ފިލްމުން ލިބޭ އާމްދަނީން، އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސް ހުރިހާ ހިސާބަކަށް އެހީވާނެ ކަމަށް ބުންޏެވެ.
ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި މާސްކާއި ސެނިޓައިޒާ އާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް އޮކްސިޖަނާއި ޕީޕީއީ އާއި ކޮވިޑާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުން ވެސް ހިމެނެ އެވެ.
މި މަސައްކަތުގެ ދަށުން ޒީ ސްޓޫޑިއޯ އިން މިހާރު ވެސް ވަނީ 240 އަށް ވުރެ ގިނަ އެމްބިއުލާންސާއި 46،000 އަށް ވުރެ ޕީޕީއީ ކިޓާއި 6،000،000 ކާނާ އާއި 304 އެނދުގެ ޑެޑިކޭޓެޑް ކޮވިޑް ހެލްތުކެއާ ސެންޓަރު (ޑީސީއެޗްއެސީ) ފޯރުކޮށް ދީފަ އެވެ.
ސަލްމާންގެ "ބީން ހިއުމަން" ފައުންޑޭޝަންގެ ދަށުން ވެސް އެތައް ހާސް ބަޔަކަށް މިހާރު ވެސް ކާނާ ފޯރުކޮށް ދީފައިވެ އެވެ.
ފިލްމު "ރާދޭ" އަށް ސިނަމާތަކުންނާއި ޑޖިޓަލްކޮށް ރިލީޒްކޮށްގެން ލިބޭ ފައިދާ އާމްދަނީ ކޮވިޑަށް ދެކޮޅަށް އެހީވާނީ އިންޑިއާގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ ގިވްއިންޑިއާއާ ގުޅިގެންނެވެ. ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމު ޑިޖިޓަލްކޮށް މި މަހުގެ 13 ގައި ޕްރީމިއާކުރާނީ ޒީ ނެޓްވޯކްގެ ޒީ5 އާއި ޒީ ޕްލެކްސްއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާނޫ
07 May 2021
ސަލްމާނުވަރެއް ހަމަ ނެތް.