ކްރިތީ.
08 މެއި 2021 - 10:21
ޒުވާން ބަތަލާ ކްރިތީ ސެނަން މަސައްކަތް ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ފިލްމު "މިމީ" ޑިޖިޓަލް ޕްރީމިއާއަކަށް ދާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ކްރިތީ ކުޅުނު "ރާބްތާ" އާއި "ލުކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ ފިލްމެކެވެ. ކުރިން ނިންމާފައި އޮތީ "މިމީ" ޖުލައި މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާށެވެ. އެކަމަކު އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތި އެހާ ތަނަށް ވެސް ފިލްމު ސިނަމާތަކުގައި އެޅުވިދާނެ ކަމުގެ އުންމީދެއް ނެތުމުން މިހާރު ވާހަކަ ދެކެވެމުން އަންނަނީ އަވަސް ޑިޖިޓަލް ޕްރީމިއާއަކަށް ދާށެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ދިނޭޝް އަންނަނީ ރަނގަޅު އަގެއް ހުށަހަޅާ ޕްލެޓްފޯމަކަށް "މިމީ" ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެކަމަކު އަދި އެއީ ކޮން ޕްލެޓްފޯމެއް ކަމެއް ކަށަވަރެއް ނުވެ އެވެ. އާންމުކޮށް މި ފަހުން ހިންދީ ފިލްމުތައް ޕްރިމިއާކުރަނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ އިތުރުން ޑިޒްނީ ޕްލަސް ހޮޓްސްޓާގަ އެވެ.
"މިމީ" އަކީ މިހާތަނަށް ކްރިތީ ކުޅެފައިވާ އެންމެ ތަފާތު ފިލްމަށް ވާނެ އެވެ. މި ފިލްމަށް އޭނާ ވަރަށް ބޮޑަށް ފަލަ ވެސްވެފައިވެ އެވެ. މިހާތަނަށް ގިނައިން ގްލެމަރަސް ރޯލުތަކުން ފެނިފައިވާ ބަތަލާ އެ ފިލްމުގައި ފެންނާނީ ޑިގްލެމަރަސް ރޯލަކުންނެވެ. އެއީ ރަހިމު ވިއްކައިގެން ދަރިން ވިހައިދޭ ރަށްފުށުގެ އަންހެނެއްގެ ރޯލެވެ.
މި ޕްލޮޓަކީ މިހާރު އިންޑިއާގެ މުޖުތަމައު ތެރޭގައި ވަރަށް ބޮޑަށް އޮތް ކަމެކެވެ. އެގޮތުން އާމްދަނީ ހޯދަން ސަރޮގޭޓް މަދާއިންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުން އިންޑިއާގައި މިހާރު ވަރަށް ގިނަ އެވެ.
"ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ "މިމީ" ގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ، ސާއީ ތަމްހާކަރް، މަނޯޖް ޕަހްވާ އަދި ސުޕްރިޔާ ޕަތަކް ހިމެނެ އެވެ.
"މިމީ" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު ދާދި ފަހުން ވެސް ކްރިތީ ވަނީ ދިނޭޝްގެ އިތުރު ޕްރޮޖެކްޓެއްގެ ޝޫޓިން ނިންމައިފަ އެވެ. އެއީ ވަރުން ދަވަނާ އެކު ފެނިގެންދާނެ މޯންސްޓާ-ކޮމެޑީ "ބޭޅިޔާ" އެވެ.
ކްރިތީ، 30، ގެ ކުރިއަށް ހުރި ފިިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ޕްރަބާސްގެ "އާދިޕުރުޝް" ގެ އިތުރުން ރާޖްކުމާރު ރާއޯއާ އެކު ކުޅެފައިވާ ދިނޭޝްގެ "ހަމް ދޯ ހަމާރޭ ދޯ" ހިމެނެ އެވެ.
ދިނޭޝްގެ މެޑޮކްސް އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މާޗް މަހު ސިނަމާތަކުގައި އެޅުވި ޖާންވީ ކަޕޫރާއި ރާޖްގެ "ރޫހީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy