15 މެއި 2021 - 09:54
ބޮލީވުޑްގައި މިހާރު ވަރަށް ޒުވާން ޖީލެއް އެބައޮތް ކަމަށާއި ކުރިއަށް ވުރެ ބުރަކޮށް މިހާރު މަސައްކަތްކުރަން ޖެހޭ ކަމަށް ސަލްމާން ޚާން ބުނެފި އެވެ.
ފިތުރު އީދު ދުވަހު ރިލީޒްކުރި އާ ފިލްމު "ރާދޭ" ގެ ވާޗުއަލް ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ބުނީ މިހާރު އުމުރުން 56 އަހަރުވާން ގާތްވެފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ދެން ލީޑް އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެން ނޫނީ މިހާތަނަށް ދަމަހައްޓަމުން އައި ސްޓާޑަމް ފަނޑުވެދާނެ ކަމަށް ބުންޏެވެ.
ސަލްމާން ބުނި ގޮތުގައި ބޮޮލީވުޑްގެ ކުރިމަގު މިހާރު ގުޅިފައި އޮތީ ޓައިގާ ޝްރޮފް ފަދަ ކާމިޔާބު ޒުވާން އެކްޓަރުންނާ އެވެ.
"ދެން ވަރުން ދަވަން އާއި ރަންވީރު ސިންގް އާއި އާޔޫޝް ޝަރުމާ [ސަލްމާންގެ ޅިޔަނު] ފަދަ ތަރިންނަކީ މިހާރު ބޮލީވުޑްގެ ކުރިމަގު. އެފަދަ އެކްޓަރުންނާ އެއް ހިސާބެއްގައި ހުންނަ ނުވަތަ އެއަށް ވުރެ މަތީގައި ހިފަހައްޓާލަން ބޭނުން ނަމަ އަހަންނަށް އޮތް ގޮތަކީ ކުރިއަށް ވުރެ މާ ބޮޑަށް ބުރަކޮށް މަސައްކަތްކުރުން،" ސަލްމާން ބުންޏެވެ.
އޭނާ ބުނީ އެކްޓިން އަކީ އާދައިގެ ވަޒީފާއެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެގޮތުން އެކްޓަރުންނަކީ އޮފީހެއްގެ މަސައްކަތްކުރާ މީހުން ގޮތަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވަޒީފާ އަދާކުރާ ބައެއް ނޫން ކަމަށް ބުންޏެވެ.
"އަހަރެން އަބަދު ވެސް އެކްޓިން ނަގަނީ ވަރަށް ސީރިއަސްކޮށް. އެހެންވީމަ މިއީ ހަފުތާގެ ހަތް ދުވަހުގެ ސައުވީސް ގަޑިއިރުގެ މަސައްކަތެއް." ފިލްމު ކުޅޭތާ 33 އަހަރުވެފައިވާ އެކްޓަރު ބުންޏެވެ.
ފިލްމު މޭނާ ޕިޔާރު ކިޔާ (1989) އިން ވިދައިލި އެކްޓަރު ބުނި ގޮތުގައި ބޮލީވުޑްގައި އަބަދު ވެސް މަސައްކަތްކުރަނީ މީހުންގެ އިހުތިރާމާއި ލޯބި ލިބޭ ގޮތަށް ބަލައިގެން ކަމަށެވެ. އެގޮތުން ކުޅޭ ފިލްމުތައް ހޮވާ އިރު، އޭނާގެ ފިލްމު ބަލާ އޯޑިއަންސަށް ބަލަންނުކެރޭ ޒާތުގެ ފިލްމުތައް ނުކުޅޭނެ ކަމަށް ސަލްމާން ބުންޏެވެ.
"އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި އަދި ކުޑަކުދިންނަކީ ވެސް އަހަރެންގެ ފިލްމުތައް ބަލާ ބައެއް. އެހެންވީމަ އެ އޯޑިއަންސްގެ ގަދަރު ވެސް ހިފަހެއްޓޭ ކަހަލަ ފިލްމުތައް ކުޅެން ބޭނުން ވަނީ،" މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަލްމާން ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަމިއްމަ މައިންބަފައިންނަށް ވެސް ބަލަން ނުކެރޭ ކަހަލަ ފިލްމުތައް ކުޅޭކަށް."
ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަންތިމް: ދަ ފައިނަލް ޓުރުތު" އާއި "ޓައިގާ 3" އާއި ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އަދި "ކިކް 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮހުއްތު ބެ
15 May 2021
މޫނުގަ ރޫ ގިނަވާންފެށީމަަ އެންމެރީއްޗަށް ހިފަހައްޓާލެވޭނީި. އޭރުން ގައިމު ތުނބުޅިމަތިމަސް ހިފަހައްޓައިލެވޭނެތާ.
ބަނގްލަދޭޝް ގެ ރައްޔިތާ
15 May 2021
މިއުޅެނީ ލައިގެން ހުންނަ ފަޓުލޫނު ހިފަހައްޓައި ނުލެވިގެން. ކިހިނެއް ތުނބުޅިމަތިމަސް ހިފަހައްޓައިލާނީ؟