17 މެއި 2021 - 08:03
ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެކީގައި ކުޅޭ ފިލްމު "މެރީ ކްރިސްމަސް" އިންޑިއާގެ ކޮވިޑް-19 ގެ ހާލަތާ ހެދި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިރު މިހާރު އޭގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭތޯ ބަލަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނެފި އެވެ.
ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ ތުރިލާއާ ބެހޭ ގޮތުން ރަމޭޝް ޕިންކްވިލާ އަށް ބުނީ ފިލްމާ ގުޅުން މައުލޫމާތުތައް ކުރިއަށް އޮތް ހަފުތާއެއް ނޫނީ ދެ ހަފުތާގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ.
"ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އެއްވެސް ދިމާއެއްގައި ފިލްމީ މަސައްކަތްތަކެއް ކުރަން ފަސޭހަ ގޮތަކަށް ނޫން އޮތީ. އެކަމަކު އަހަރެމެން އެބަ ބަލަން އަންނަ މަހުގެ ތެރޭގައި މެރީ ކްރިސްމަސްގެ މަސައްކަތް ފެށޭތޯ،" އޭނާ ބުންޏެވެ. "މިހެން ބުންޏަސް ކޮވިޑާ ހެދި މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ލިބޭ ލުއިތަކާ އެކު މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ސާފުވާނީ."
އާންމުކޮށް ހަދާ ހިންދީ ފިލްމުތަކާ ހިލާފަށް އެންމެ 90 މިނިޓްގެ "މެރީ ކްރިސް" އަކީ މުމްބާއީ އާއި ޕޫނޭ އަދި ގޯއާގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މީގެ މަސައްކަތް ފަސްކުރީ އެޕްރީލް މަހުގެ މެދުތެރޭގައި ޝޫޓިން ފަށަން އޮއްވަ އެވެ. ކެޓްރީނާ އާއި ސަލްމާން ޚާންގެ "ޓައިގާ 3" ވެސް މި ވަގުތު އޮތީ ކޮވިޑާ ހެދި ޝޫޓިން ހުއްޓިފަ އެވެ. އޭގެ ޝޫޓިން ފެށީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
"މެރީ ކްރިސްމަސް" ގެ ޑައިރެކްޓަރު ރަގްވަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ތިން ނެޝަނަލް އެވޯޑް ހޯދި 2018 ގެ ސަސްޕެންސް ތުރިލާ "އަންދާދުން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy