21 މެއި 2021 - 08:52
ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ފިލްމެއް ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
އެ ނޫހުން ބުނި ގޮތުގައި ޝާހިދާ އެކު ފިލްމެއް ސުޖޯއި ބޭނުންވެގެން ވާހަކަ ދައްތާކާ އެތައް ދުވަހެއް ފަހުން، އޭނާ މިހާރު ވަނީ ޕްރޮޖެކްޓަކަށް ފެހި ސިގްނަލް ދީފަ އެވެ. އެހެންވެ ތުރިލާ ޖޯންރާގެ އެ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށާއި މި އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޖާޒީ" އަށް ފަހު، އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ޝާހިދުގެ ފިލްމަކީ ވެސް ސުޖޯއިގެ ފިލްމު ކަމަށް އެ ނޫހުން ބުންޏެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު "ޖާޒީ" ގެ މަސައްކަތް ނިންމައިލި ނަމަވެސް، ޝާހިދު ދެން ކުޅޭނެ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް 2019 ގެ "ކަބީރް ސިންގް" ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން އޭނާ އަށް ވަރަށް ގިނަ ހުށަހެޅުންތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ޔޯދާ" އާއި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމެއްގެ އިތުރުން ނެޓްފްލިކްސްގެ ބޮޑު ފިލްމެއް ވެސް ޝާހިދަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
މި ވަގުތު ޝާހިދު މަސައްކަތް ފަށާފައި އޮތް ޕްރޮޖެކްޓަކީ އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން މަސައްކަތް ހުއްޓިފައިވާ ރާޖް އެންޑް ޑީކޭ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ވެބް ސީރީޒެކެވެ.
ޑައިރެކްޓަރު ސުޖޯއި މިހާތަނަށް އަދި ޝާހިދާ އެއްކޮށް މަސައްކަތްކޮށް ނުވާ އިރު އޭނާ އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ 2019 ގައި އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫއާ އެކު ގެނެސްދިން ތުރިލާ "ބަދުލާ" އެވެ. އަދި ހަމަ އެ އަހަރު އޭނާގެ "ޓައިޕްރައިޓާ" ކިޔާ ވެބްސީރީޒެއް ނެޓްފްލިކްސް އިން ގެނެސްދިނެވެ.
ސުޖޯއި އަކީ ވިދިއާ ބަލާންއާ އެކު ބެލުންތެރިން ސިއްސުވައިލި "ކަހާނީ" ގެނެސްދިން ޑައިރެކްޓަރެވެ.
ޝާހިދުގެ "ޖާޒީ" ރިލީޒްކުރަން ނިންމާފައި އޮތީ ނޮވެމްބަރު މަހުގެ 5 ގަ އެވެ. މި ފިލްމުގައި އޭނާއާ އެކު ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy