22 މެއި 2021 - 07:41
ކުރިން ޕްލޭންކުރި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން މި އަހަރަށް ފަސްކުރި، ބަތަލާ ޝިލްޕާ ޝެޓީގެ ފިލްމު "ހަންގާމާ 2" ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕްރިޔަދަރުޝަން ޑައިރެކްޓްކޮށް ގެެނެސްދޭ މި ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ގެނެސްދޭން ތާވަލުކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19އާ ހެދި މިދިޔަ އަހަރު އެކަން ނުވެ، މި އަހަރަށް ފިލްމު ފަސްކުރަން ޖެހުނީ އެވެ. "ހަންގާމާ 2" ރިލީޒްކުރާނެ ތާރީހެއް އަދި އޮތީ އިއުލާން ނުކޮށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާ ގޮތުގައި އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ސިނަމާތަކަށް މި އަހަރު ވެސް ފިލްމު ގެނެވިދާނެކަމުގެ އުންމީދެއް ނެތުމުން އޭގެ ޓީމުން މިހާރު އަންނަނީ ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާކުރަން މަޝްވަރާކުރަމުންނެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި އޭގެ ޕްރޮޑިއުސަރުން ކަމަށްވާ ރަތަން ޖެއިން، ގަނޭޝް ޖެއިން އަދި ޗޭތަން ޖެއިން މަޝްވަރާކުރަމުން އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއާ އެވެ. އަދި އެއްބަސްވުމަކަށް އާދެވުމާ އެކު "ހަންގާމާ 2" ޕްރީމިއާކުރާނެ ތާރީހެއް އިއުލާންކުރާނެ އެވެ.
އެކަމަކު ސުވާލަކީ އެ ފިލްމުގެ ކުރިން ޝިލްޕާ ސޮއިކުރި "ނިކައްމާ"، "ހަންގާމާ 2" ގެ ރިލީޒްކޮށްފާނެތޯ އެވެ؟ އެކްޓިންއާ ދުރުގައި ހުންނަތާ 12 ވަރަކަށް އަހަރު ފަހުން ޝިލްޕާ 2019 ގައި ސޮއިކުރި ފުރަތަމަ ފިލްމަކީ ސަބީރް ޚާންގެ "ނިކައްމާ" އެވެ. ކުރިން މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރަން އުޅުނު އެ ފިލްމަކީ ހަމަ "ހަންގާމާ 2" އަށް ޖެހުނު ހާލު ޖެހިގެން މި އަހަރަށް ފަސްކުރަން ޖެހުނު ފިލްމެކެވެ. ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ އެ ފިލްމުގެ ކާސްޓްގައި އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ ވެސް ހިމެނެ އެވެ.
ކާސްޓްގައި ޝިލްޕާއާ އެކު ޕަރޭޝް ރާވަލާއި މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް ވެސް ހިމެނޭ "ހަންގާމާ 2" އަކީ ޕްރިޔަދަރުޝަން 2003 ގައި ގެނެސްދިން "ހަންގާމާ" ގެ ސީކްއެލްއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމުގައި ކުރީގެ ފިލްމުގެ ލީޑް އެކްޓަރުންގެ ތެރެއިން އަކްޝޭ ކަންނާގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.
"ހަންގާމާ" އަކީ އަކްޝޭ އާއި ރިމީ ސެން އާއި އަފްތާބް ޝިވްދަސާނީ އަދި ޕަރޭޝް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy